ޚަބަރު

މުދާ އުފުލުމުގެ ކެޕޭސިޓީ ދެގުނަކޮށް، އެމްއެސްއެސްއަށް ކާމިޔާބު އަހަރެއް


  • ވޭތުވެދިޔަ އަހަރުތެރޭ 1000 ކޮންޓެއިނަރ ފްލީޓައް އިތުރުކޮށްފައިވޭ

  • ލަންކާ މަގުން މުދާ އުފުލުމުގެ ކެޕޭސިޓީ ވަނީ ދެގުނަކޮށްފައި

ޤައުމީ ޝިފިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދެމުންދާ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ލަންކާ މަގުން މުދާ އުފުލުމުގެ ކެޕޭސިޓީ މިއަހަރު ދެ ގުނަ ކުރެވިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއިން ވަނީ ލަންކާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލުމުގެ މަސައްކަތް ހަރުދަނާކޮށް، ޖާގަ ބޮޑު ބޯޓެއް ބޭނުން ކުރަން ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި، އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ އެކުންފުނީގެ ލަނޑުދަނޑިތަކުގެ ތެރެއިން މިއަހަރު ސަރުކާރުން ހާސިލުކުރަން ބޭނުން އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ވަކި ޤައުމަކަށް ބަރޯސާނުވެ ކާޑު އުފުލުމުގެ މަސައްކަތް ކުރުންކަމަށެވެ. އަދި މިއަހަރު ތެރޭ އެ ލަނޑުދަނޑި ހާސިލުކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއާއެކު މުދާ އުފުލުމުގެ މަސައްކަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. މިގޮތުން އެކުންފުނީގެ ކޮންޓެއިނަރ ފްލީޓު މިނިމޭ އަހަރުތެރޭ ފުޅާކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންޓެއިނަރ ފްލީޓް. އެ ފްލީޓަށް 1000 ކޮންޓެއިނަރ އިތުރުކުރެވިފައި އޮންނާނީ. މުދާ އުފުލުމުގައި ކޮންޓެއިނަރ މިއީ އެންމެ މުހިންމު އެއްބައި. ކޮންޓެއިނާގެ އަދަދު ގިނަވިވަރަކަށް މުދާ އުފުލޭ މިންވަރު އިތުރުވެސް ކުރެވޭނީ " ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަށް މުދާ އުފުލުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، ރާއްޖެ އަންނަ މުދަލުގެ 90 އިންސައްތަ އަންނަނީ ލަންކާ މަގުން ކަމަށް އެމްއެސްއެސުން ވިދާޅުވެއެވެ. މިއާއެކު ލަންކާ މަގުން ގެންނަ މުދާ އުފުލުމުގެ ކެޕޭސިޓީއަށް ބަދަލު ގެނައުމަށް މި ރޫޓުގައި ބޭނުންކުރާ ބޯޓު ބަދަލުކޮށްފައިވާކަމަށް އެމްއެސްއެއިން ވިދަޅުވެއެވެ.

"ސްރީލަންކާ މަގުން ގެންނަ މުދާ އުފުލުމުގެ ކެޕޭސިޓީ އިތުރުކުރުމަކީ އަޅުގަނޑުމެން އިސްކަން ދޭކަމެއް. މިދިޔަ އަހަރު ތެރޭ އެ ޚިދުމަތް ޑަބަލްކޮށްފައިވާނެ. ކުރީގައި 600 ކޮންޓެއިނަރ އުފުލޭ އުޅަނދެއް ބޭނުންކުރީ. ނަމަވެސް މިހާރު 1100 ކޮންޓެއިނަރ އުފުލޭ ބޯޓެއް ގެނެސް ބޭނުން ކުރަމުންދަނީ. މިއީ މިހާރު އޮތް ދެ ބޯޓު އިތުރަށް ގެނައި ބޯޓެއް " ޝަރީފް ވިދާޅުވިއެވެ.

އެކުންފުނިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކުންފުނީގެ ފްލީޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން އައު ބޯޓެއް ހޯދުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

އެމްއެސްއެސްގެ ކެޕޭސީޓީ އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާއިރު، މިއަހަރުތެރޭ އެމްއެސްއެސް، އެމްއޭސީއެލް އެމްޕީއެލް އަދި އެހެނިހެން އިދާރާތައް ގުޅިގެން ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ވަނީ ފަށާފައެވެ. އެގޮތުން މި ސަރަހައްދު ޤައުމުތަކުން ކަނޑުމަގުން ރާއްޖެ މުދާ ގެނެސް ޔޫރަޕަށް މުދާ ވައިގެ މަގުން ދަނީ ފޮނުވަމުންނެވެ.