ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ދިވެހި ރައްޔިތުންނަށް އޮތް ޖާގަ ފުރިހަމައަށް ކަށަވަރުވާނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީމަހުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފަށާނެކަން އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ގިނަ ބާވަތްތަކެއްގެ ޑިއުޓީ މަޢާފްވާނެއެވެ. އަދި ދެ ޤައުމަށްވެސް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާގެ ކުންފުނިތަކަށް ރާއްޖެއައިސް މި ދާއިރާގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވެވޭނެތޯ މިއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެކަން އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ މިކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. ވަޒީރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެހެން ޤައުމަކަށް ހުޅުވާލާފައި ނެތް އެއްވެސް ފުރުސަތެއް ޗައިނާއަށް ހުޅުވާލާފައި ނޯންނާނެކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް އޮތް ޖާގަ ފުރިހަމައަށް ހިމާޔަތްކުރެވިފައި އޮންނާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
"ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ދިވެހި ރައްޔިތުންނަށް އޮތް ޖާގަ ފުރިހަމައަށް ހިމާޔަތްކޮށްދޭނެ މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގެ ތެރެއިންވެސް. އޭގެއިތުރަށް މި ލިބޭ ބެނިފިޓްއަކީ، އުފަލަކީ، ފުރުސަތަކީ ކޮބައިތޯ؟ ދިވެހިރާއްޖޭގައި ބޭނިއްޔާ ބާނާ މަހެއް، ހިފެންޏާ ހިފޭ ސީފުޑްއެއް، އެއްވެސް ޓެރިފްއަކާ ނުލާ ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް އެއްވެސް ޑިއުޓީއަކާއި ނުލާ އިމްޕޯޓްކުރުމުގެ ފުރުސަތު މިލިބެނީ." ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ ވިދާޅުވީ މި އެއްބަސްވުމާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ދެޤައުމުންވެސް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިވާކަންވެސް ކޮމާސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ޗައިނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން 2 ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ. ރާއްޖޭއިން އެކްސްޕޯކުރާ މަހުގެ ގިނަ ބާވަތްތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް %0 ޓެރިފްއަކާއިއެކު ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ. މި އެއްބަސްވުމާއެކު ޗައިނާއިން އުފައްދާ ކަރަންޓް ސާމާނާއި ފަރުނީޗަރު ފަދަ ތަކެތިވެސް އެއްވެސް ޓެރިފްއަކާއި ނުލައި ރާއްޖެއަށް އެތެރެކުރެވޭނެ." ވަންގ ވެންޓާއޯ ވިދާޅުވިއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. އަދި ސީފުޑްގެ ބާވަތްތައް ރާއްޖެ ގެނެސް ޑަބްލިއުޓީއޯގެ މިންގަނޑަށް ފެތޭގޮތައް އަގުއެއްކޮށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބޭނެއެވެ. މިއީ އެހެން ޤައުމުތަކަށް ޗައިނާއިން ދީފައިވާ ފުރުސަތުތަކެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.