ސަރުކާރު ބަންދުވި ނަމަވެސް، އަންނަ ބުރާސްފަތި ދުވަހު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މާދަމާއަކީ އައު އަހަރު ފެށޭ ދުވަސްކަމުގައިވުމުން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އަދި އެ ދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށައެޅޭނެ ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން 14:00 އާ ދެމެދުގެ ވަގުތެއްގައި ހުށައެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ހަމަ އެ ވަގުތު، ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުންވެސް ކުރިއަށްދާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
2025 ޖަނަވަރީ 02 ވަނަ ދުވަހު ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް (ހަމައެކަނި މާލެ އޮފީހުން). pic.twitter.com/Zael2SyltG
— Maldives Immigration (@ImmigrationMV) December 31, 2024
ޢާއްމުގޮތެއްގައި ބަންދު ދުވަސްތަކާއި ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް މެދު ކެނޑުމެއްނެތި ފޯރުކޮށްދެއެވެ.
ބަންދު ދުވަސްތަކުގެ ކުރިއަށް ދުރާލާ ޕާސްޕޯޓުގެ މުއްދަތު ބެލުމަށްފަހު ޕާސްޕޯޓު ހެއްދުމަށް ހުށައެޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރައްވައެވެ. އެހެންނަމަވެސް އިމަރޖެންސީ ޙާލަތްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް އެއިދާރާއިން އަބަދުވެސް ފޯރުކޮށްދެއެވެ.