ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ 19 ރަށަކަށް 20 ޖަނެރޭޓަރުސެޓު މިއަހަރު ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން އަންނަނީ މާލޭގެ އިތުރުން، މާލެ އަތޮޅާއި، އއ، އދ އަދި ވ އަތޮޅުގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ.
ސްޓެލްކޯއިން ވިދާޅުވީ އެކުންފުނިން ޚިދުމަތް ދެމުންގެންދާ 19 ރަށަށް ފޯރުކޮށްދިން 20 ޖަނެރޭޓަރުސެޓަކީ ޖުމްލަ ކެޕޭސިޓީ 9198 ކިލޯވޮޓަށް އަރާކަމަށެވެ. ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް މާލޭގެ އިތުރުން ކ އަތޮޅުގެ 5 ރަށަކާއި އއ އަތޮޅުގެ 6 ރަށަކާއި އދ އަތޮޅުގެ 6 ރަށަކާއި ވ އަތޮޅުގެ 3 ރަށަކަށް ދަނީ ދެމުންނެވެ. މި ރަށްރަށުގައި ސްޓެލްކޯގެ 36 އިންޖީނުގެއެއް ޤާއިމްކޮށް ޚިދުމަތް ދެމުންގެންދެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ޖަނެރޭޓަރު ސެޓުތައް ފޯރުކޮށްދީފައިވަނީ އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ. ރަށްރަށަށް އަލަށް ފޯރުކޮށްދިން ޖަނެރޭޓަރުސެޓުތަކާއެކު ދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.
ކ. މާފުށީގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާފުށީގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި، ސްޓެޕްއަޕް ޓްރާންސްފޯމަރެއް މިހާރު ވަނީ މާފުއްޓަށް… pic.twitter.com/riv7VJA76O
— STELCO (@STELCOMALDIVES) December 27, 2024
ސްޓެލްކޯއިން އަންނަނީ ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތެޔޮ އަންދައިގެން ކަރަންޓު ދިނުމުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ވަނީ މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މާލޭގައިހުރި ޕަވަރ ސްޓޭޝަނުން 47.7 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދެމުންދާއިރު، 11،000 ކިލޯވޮޓުގެ ހަކަތަ ފޯރުކޮށްދެވޭ މިންވަރަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު އެކުންފުނިން ވަނީ ޤާއިމްކޮށްފައެވެ.
ސްޓެލްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖެއިން ބޭރުން ޖަނެރޭޓަރު ގެނައުމުގެ ބަދަލުގައި އެތަކެތި ރާއްޖެއިން ވިއްކުމަށް ޚާއްޞަ ބިޒްނަސް ސެންޓަރެއްވެސް ވަނީ ތަރައްޤީކޮށްފައެވެ. މި ސެންޓަރުގެ ސަބަބުން ޖަނެރޭޓަރެއްގެ މައްސަލަ ޖެހިއްޖެނަމަ، ރަށްރަށަށް އެ ތަކެތި އަވަހަށް ފޯރުކޮށްދިނުމުގެ މަގު ފަހިވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.