ޚަބަރު

2024: ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދީ މަސްވެރިކަމުގެ ސިނާއަތައް އުފާވެރި އަހަރެއް


  • މިފްކޯއަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައި

  • މަސްވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ކުންފުންޏެއް ވަނީ އުފައްދަވާފައި

މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި 3 ވަނަ ހިއްސާކުރާ ސިނާއަތެވެ. މިވީހާތަނަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން އެންމެ އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ މަސްވެރިންގެ ފަރާތުން އަންނަ ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ.

މަސްވެރިންގެ އަބަދުވެސް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުން ބާނާ މަހަށް ފައިސާ ލިބުމުގައި ހުރި ދަތިތަކެވެ. މިކަން ހައްލުކޮށްދިނުމަށްޓަކައި މި ސަރުކާރުން ވަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނެކަމަށް ވައުދުވެފައެވެ. މި ވައުދަށް ބައެއް ފަރާތްތަކުން ވަނީ ފާޑުވެސް ކިޔާފައެވެ. މިއީ ކުރެވޭނެކަމެއް ނޫންކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ވައުދު ފުއްދަވައި އެކަން އިޢުލާންކުރައްވާފައެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ސަރުކާރުން ދަނީ އޮޑިވެރިންނަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ކުރިން ފައިސާ ޖަމާކޮށްދެމުންނެވެ.

މަސްވެރިކަމުގެ ސިނާއަތަށް ވެރިކަމުގެ 1 އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު ބަދަލެއް ގެނައި ސަރުކާރަކަށް ހަމަ ޔަޤީނުންވެސް މި ސަރުކާރު ވެގެންދާނެއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކޮށް މިފްކޯއަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ވަނީ ވެރިކަމުގެ 1 އަހަރު ދުވަހު އުފައްދަވާފައެވެ.

މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން ރެސްކިއު 1 ޑައިވަރަކު ތަމްރީން ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ވައުދެވެ. ހަފުތާ 14ގެ ވަޢުދުތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ރެސްކިއުޑައިވަރގެ ފުރަތަމަ ބެޗުގެ ތަމްރީން މިހާތަނަށް 56 ދޯންޏަކުން 56 ފަރާތެއް މި ޕްރޮގްރާމްގެ ދަށުން ވަނީ ރެސްކިއު ޑައިވަރ ލެވެލްއަށް ތަމްރީނުވެފައެވެ.

މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ރާއްޖޭގެ 4 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. މި ޒޯންތަކުގައި ރަށްރަށާއި ފަރުތައް ހިމެނެއެވެ.

މެރިކަލްޗަރ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ޒޯންތައް:
• ބޮޑުތިލަދުންމަތި (ހދ. އަދި ށ. އަތޮޅު) މެރިކަލްޗަރ ޒޯން
• މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
• މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
• ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން.

މި ސަރުކާރުގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތީ ކޮންމެ މަސްވެރިކަމެއްވެސް ބަލައިގަންނާނެކަމެވެ. މި މަސައްކަތުގެ ދަށުން ފަރުމަސްވެރިކަން ކުރަން ލޯނު ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އައިސްލިބުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދެއްވުމަށް ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ދަނީ ލޯނު ދޫކުރަމުންނެވެ.

މަސްވެރި ސިނާއަތުން އެންމެ ފުރިހަމަ ނަފާ ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ މަސްވެރިން ބާނާ މަސް ރައްކާކުރުމާއި އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕެސިޓީ ނެތުމެވެ. ޑރ މުޢިއްޒުގެ ސަރުކާރުގައި މަސްވެރި ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ އެއް މަސައްކަތަކީ މި 5 އަހަރުގެ ތެރޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރުމާއެކު މަސް ޕްރޮސެސްކުރާނެ އިތުރު ކާރުޚާނާތައް އެޅުމެވެ.

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަކީވެސް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ގައުމީ ޔުނިވަސިޓީގައި މަސްވެރިކަމަށް ހާއްސަ ކޮލެޖެއް ޤާއިމްކޮށް ކޯސްތައް ފެށުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.