ޚަބަރު

ސޫރިޔާގެ އަސްކަރިއްޔާގެ އިސް މަޤާމުތަކަށް ބޭރުގެ ހަނގުރާމަވެރިން


ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ޤައުމުގެ ހިންގުމާ ޙަވާލުވި އައު ސަރުކާރުން އެ ޤައުމުގެ އަސްކަރިއްޔާގައި ބޭރު ޤަައުމުތަކަށް ނިޞްބަތްވާ ހަނގުރާމަވެރިން ހިމަނައިފިއެވެ. ސޫރިޔާގެ ދެ މަސްދަރަކުން ބުނީ އެ ޤައުމުގެ އަސްކަރިއްޔާގައި އުއިގޫރާއި އުރުދުންނާއި ތުރުކީވިލާތަށް ނިޞްބަތްވާ ހަނގުރާމަވެރިން ހިމަނާފައިވާ ކަމަށެވެ.

ސޫރިޔާގެ ހިންގުމާ ޙަވާލުވެފައިވާ ހައިޔަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް)އަކީ އަލް-ޤާއިދާއާއި އައިސިސްއާ ކުރިން ގުޅުން އޮތް ޖަމާޢަތެކެވެ. ނަމަވެސް އެޗްޓީއެސުން ފަހުން ވަނީ އެ ޖަމާއަތްތަކާ ދުރުވެ ގުޅުން ކަނޑާލައިފައެވެ. އެ ޖަމާޢަތަކީ އެންމެންގެ ބައިވެރިވުމަށް ވެސް އިސްކަންދޭ މެދުމިނުގެ ޖަމާޢަތެެއްގެ ގޮތުގައި ދެއްކުމަށް އެ ޖަމާޢަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ކަމުން އަސްކަރިއްޔާގައި ގިނަ ޢަދަދެއްގެ ބޭރުގެ ހަނގުރާމަވެރިން ބައިވެރި ކުރުމުން އެ ޖަމާޢަތުގެ ނިޔަތާ މެދު ވަނީ ސުވާލު އުފެދިފައެވެ. މީގެ ކުރިން ބައިމަދު އާބާދީތައް އެކަހެރި ނުކޮށް އެ ފަދަ އާބާދީތައް ވެސް ބަައިވެރި ކޮށްގެން ހަމަހަމަ ކަމާއެކު ޤައުމު ހިންގާނެ ކަމަށާއި އިންޤިލާބީ ނަޒަރަކުން ޤަައުމު ނުހިންގާނެ ކަމަށް ވެސް އެޗްޓީއެސުން ކުރިން ބުނެފައި ވެއެވެ.

ސޫރިޔާގެ ދިފާޢީ ވުޒާރާއިން ވަނީ އަސްކަރިއްޔާގެ 49 މަޤާމަކަށް މީހުން ޢައްޔަނު ކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދަކަށް ބޭރުގެ ހަނގުރާމަވެރިން ހިމެނެއެވެ. ބޭރުގެ ހަނގުރާމަވެރިންނަށް ދީފައިވާ އިސް މަޤާމުތަކުގެ ތެރޭގައި ބްރިގޭޑިއަރ ޖެނެރަލާއި ކާނަލްގެ މަޤާމު ހިމެނޭކަމަށް މަސްދަރަކުން ބުނެފައިވެއެވެ. އެޗްޓީއެސުގެ މަސްދަރެއް ބުނީ ބޭރުގެ ހަނގުރާމަވެރިންނަށް މަޤާމު ދިނީ އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރި މަަސައްކަތުގައި އެ މީހުން ބައިވެރިވެ ކޮށްދިން މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އަސްކަރިއްޔާގެ އިސް މަޤާމުތަކަށް ޢައްޔަނު ކޮށްފައިވާ މީހުންގެ ތެރޭގައި އުއިގޫރުގެ ހަނގުރާމަވެރިއެއް ކަމަށްވާ އަބްދުލްޢަޒީޒް ދާވޫދު ޚުދާބަރުދީ ހިމެނެއެވެ. އޭނާ ޢައްޔަން ކޮށްފައި ވަނީ ބްރިގޭޑިއަރ ޖެނެރަލްގެ ފަންތީގައެވެ. އޭނާއަކީ ސޫރިޔާގައި ޙަރަކާތްތެރިވާ ތުރުކިސްތާން އިސްލާމިކް ޕާޓީ (ޓީއައިޕީ)ގެ ކޮމާންޑަރެވެ. އޭނާގެ އިތުރުން އުއިގޫރަށް ނިޞްބަތްވާ މައުލާން ތަރްޞޫން އަބްދުއްޞަމަދާއި އަބްދުއްސަލާމް ޔާސީން އަޙްމަދަށް ވަނީ ކާނަލްގެ ފަންތީގައި އަސްކަރިއްޔާއަށް ޢައްޔަން ކޮށްފައެވެ.

ތުރުކީވިލާތަށް ނިޞްބަތްވާ ޢުމަރު މުޙައްމަދު ޖަފްތާޝީއާއި އުރުދުންގެ އަބްދުލް ރަޙްމާން ޙުސައިން އަލް-ޚާތިބު ވެސް ވަނީ ބްރިގޭޑިއަރ ޖެނެރަލްގެ ފަންތީގައި އަސްކަރިއްޔާއަށް ޢައްުޔަން ކޮށްފައެވެ. އޭގެ އިތުރުން އަލްބޭނިއާއަށް ނިޞްބަތްވާ އަބްދުލް ޖަޝާރީ ވެސް ވަނީ ކޮލޮނެލްގެ ފަންތީގައި އަސްކަރިއްޔާއަށް ޢައްޔަން ކޮށްފައެވެ. އޭނާއަކީ އަލްބޭނިއާގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޝިމަތީ އަލްބާންގެ އިސްވެރިޔާއެވެ. އެ ފަދަ މަޤާމެއް ދެން ދީފައި ވަނީ މިޞްރުގެ އަލާ މުޙައްމަދު އަބްދުލް ބާޣީއަށެވެ.

ބޭރުގެ ހަނގުރާމަވެރިން އަސްކަރިއްޔާގެ އިސް މަޤާމުތަކަށް ޢައްޔަން ކުރުމާ ގުޅޭގޮތުން ސޫރިޔާގެ ސަރުކާރުގެ ތަރުޖަމާނުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެެވެ.

ސޫރިޔާގެ 13 އަހަރުވީ ދިގު ދާޚިލި ހަނގުރާމައިގައި އަސަދާއި އޭނާއަށް ވާގިވެރިވަމުން ދިޔަ އީރާނުގެ ޝީޢީ ހަނގުރާމަވެރިންނާ ދެކޮޅަށް އެތައް ހާސް ސުންނީ މުސްލިމު ހަނގުރާމަވެރިންނެއް ވަނީ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިފައެވެ. ބޭރުގެ ބައެއް ހަނގުރާމަވެރިން ވަނީ އެ މީހުންގެ އަމިއްލަ ހަނގުރާމަވެރި ޖަމާޢަތްތައް އުފައްދައިފައެވެ. ބައެެއް މީހުން ވަނީ އައިއެސް ފަދަ ޖަމާޢަތްތަކާ ގުޅިފައެވެ. އަދި ބައެއް ހަނގުރާމަވެރިން ވަނީ އަސަދުގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އެޗްޓީއެސާ ވެސް ގުޅިފައެވެ.

ސޫރިޔާގެ ހިންގުމާ ޙަވާލުވެ ހުރި އެޗްޓީއެސްގެ އަޙްމަދު އަލް-ޝަރާޢު ވަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ގިނަ ހަނގުރާމަވެރި ޖަމާޢަތްތައް އުވައިލާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ އެކި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާކޮށް ޤައުމެއް ނުހިންގޭނެ ކަމަށް ބުނެފައެެވެ. ޤައުމު ހިންގަން ގަސްތުކުރަނީ ހަނގުރާމަވެރި ޖަމާޢަތްތައް ނައްތާލައި ހުރިހާ ޖަމާޢަތެއް ދިފާޢީ ވުަޒާރާގެ ދަށަށް ގެނެސް ހުރިހާ ޖަމާޢަތެއްގެ ބައިވެރިވުމާ އެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސޫރިޔާގެ އައު ވެރިން ވަނީ އަސަދާ ދެކޮޅަށް ކުރި ހަނގުރާމައިގައި ކޮށްދީފައިވާ މަސައްކަތް ފާހަގަކޮށް ބޭރުގެ ހަނގުރާމަވެރިންނާއި އެ މީހުންގެ ޢާއިލާއަށް ސޫރިޔާގެ ރަށްވެހިކަން ދީ އެ ޤައުމުގައި ދެމި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ.