ޖޯޖިޔާގެ ރައީސް ކަމުގެ މަޤާމަށް މިޚައިލް ކަވަލެޝްވިލީ ޢައްޔަން ކޮށްފިއެވެ. އޭނާ ރައީސް ކަމުގެ މަޤާމުގެ ހުވައި ކުރައްވާފައި މި ވަނީ، ވެރިކަމުގެ ބާރުތައް ދޫކޮށްލައްވަން ކުރީގެ ރައީސް ސަލޮމޭ ޒުރަބިޝްވިރީ ދެކޮޅު ހައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ޖޯޖިޔާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ތަރިއެއް ކަމުގައިވާ 53 އަހަރުގެ ކަވަލެޝްވިލީ ރައީސް ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު 27ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގައި ކުރި ހޯދާފައިވާ ޖޯޖިޔަން ޑްރީމް ޕާޓީންނެވެ.
އެ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ޒުރަބިޝްވިރީއާއި އޭނާއަށް ތާޢީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށް، އަލުން އިންތިޚާބު ބޭއްވުމަށް ޒުރަބިޝްވިރީއާއި އޭނާއަށް ތާޢީދު ކުރާ މީހުން ދަނީ ގޮވައިލަމުންނެވެ. އަދި، އެ ކަމަށް ބާރު އެޅުމުގެ ގޮތުން ވެރިރަށް ތިބިލިސީއާއި ބޮޑެތި އެެހެން ރަށްތަކުގައި މުޒާހަރާ ކުރަމުންނެވެ.
ކަވަލެޝްވިލީ ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައެވެ. އެ ރަސްމިއްޔާތާ ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވަމުން ޒުރަބިޝްވިރީ ވަނީ ކަވަލެޝްވިލީ ރައީސް ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، ޤާނޫނީ ގޮތުން އަދި ދުސްތޫރީ ގޮތުން ޖޯޖިޔާގެ ރައީސަކީ އަދިވެސް އޭނާ ކަމުގައި އޭނާ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. މި މޭރުމުން ޒުރަބިޝްވިރީ ވިދާޅުވެފައިވީ ނަމަވެސް، އޭނާ ވަނީ ރިޔާސީ ގަނޑުވަރުން ނިކުމެ ވަޑައިގަންނަވާފައެވެ.
"ޤާނޫނު ހަދާ މަޖިލީހުގައި ކުޅެމުން އެ ދަނީ ބޮޑު ޖޯކެއް. ޙަޤީޤަތުގައި ވެސް އެއީ މި ޤައުމަށް ބޭނުން ނުވާ ބޮޑު ޖޯކެއް،" ޒުރަބިޝްވިރީ ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޤާނޫނު ހަދާ މަޖިލީހުގައި މި ވަގުތު ތިބި ގިނަ މެންބަރުންނަކީ ޤާނޫނާ ޚިލާފަށް އިންތިޚާބުވެފައިވާ ބަޔެކެވެ. އަދި، އެ ފަދަ ބަޔަކަށް އައު ރައީސަކު ޢައްޔަން ކުރުމުގެ ބާރު ލިބިދީގެންވާނެ ކަމަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ. އަދި، އިންތިޚާބުގެ ނަތީޖާ ބާޠިލު ކުރުމަށް އޭނާ ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
ޒުރަބިޝްވިރީއާއި އޭނާއަށް ތާޢީދު ކުރާ މީހުންނަކީ ވިލާތުގެ އިއްތިޙާދު (އީޔޫ)އާ އެއްކޮޅަށް ވަކާލާތު ކުރަމުންދާ ބަޔެކެވެ. އަދި، ވެރިކަން ކުރާ ޖޯޖިޔަން ޑްރީމް ޕާޓީއަކީ ރަޝިޔާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޕާޓީއެކެވެ. އެ ޕާޓީގެ އިތުރުން ޖޯޖިޔާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ވެސް ވަނީ ޒުރަބިޝްވިރީއާއި އޭނާއަށް ތާޢީދު ކުރާ މީހުންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި، އޮކްޓޫބަރުގައި ބާއްވާފައި ވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަމަށް ބުނެފައެވެ.
ޖޯޖިޔަން ޑްރީމް ޕާޓީން ދެކޭ ގޮތުގައި އެ ޤައުމުގެ ދުސްތޫރީ ރައީސަކީ ކަވަލެޝްވިލީއެވެ. އަދި، އެ ކަމާ ދެކޮޅު ހަދައި، ރިޔާސީ ގަނޑުވަރު ހުސްކުރުމަށް ޒުރަބިޝްވިރީ ދެކޮޅު ހައްދަވަމުން ގެންދަވާ ނަމަ، އޭނާއާ ދެކޮޅަށް ދަޢުވާ އުފުލައި، ޖަލަށްލާނެ ކަމުގެ އިންޒާރު އެ ޕާޓީން ވަނީ ދީފައެވެ.
ޖޯޖިޔާއަކީ އީޔޫގެ މެންބަރުކަން ހޯދުމަށް ހުށަހަޅާފައިވާ ޤައުމެކެވެ. ނަމަވެސް، ޖޯޖިޔަން ޑްރީމް ޕާޓީން ވަނީ އެ ކަމާ ގުޅޭ ގޮތުން އީޔޫއާ އެކު ކުރަމުން ދިޔަ މަޝްވަރާތައް ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. އެ ނިންމުމާ ދެކޮޅަށް އަޑު އުފުލުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުމެ ޖޯޖިޔަން ޑްރީމް ޕާޓީއާ ދެކޮޅަށް މުޒާހަރާ ކޮށްފައިވެއެވެ. އެ ޕާޓީއާ ދެކޮޅު މީހުން ބުނީ، މޮސްކޯއާ ގާތް ގުޅުންތަކެއް ބާއްވަން އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމުގައެވެ.