ޚަބަރު

ޤައުމީ އެއަރލައިންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް އެއަރ ޝޯވއެއް


  • މިއީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެއް

  • އެއަރ-ޝޯވ އޮންނަނީ އަންނަ ހޯމަ ދުވަހު

ގައުމީ އެއަރލައިން، މޯލްޑިވިއަންއަށް ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް އެއަރ ޝޯވއެއް ބާއްވަން ހަމަޖައްސަވައިފިއެވެ.

މޯލްޑިވިއަންއަށް ގެންނަ އެއަރބަސް އޭ-330 މަރުކާގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގެ ޤައުމީ އެއަރލައިނަށް ގެންނަ އެންމެ ބޮޑު މަތިންދާބޯޓެވެ.

މޯލްޑިވިއަންއިން ވިދާޅުވީ މަތިންދާބޯޓު ދައްކާލުމަށް ބާއްވާ އެއަރ ޝޯވ އޮންނާނީ ޖެނުއަރީ 6 ވަނަ ދުވަހުކަމަށެވެ. އަދި މި އެއަރ ޝޯވ މާލޭގެ އުސްފަސްގަނޑު ސަރަޙައްދާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ސަރަޙައްދުގައި ކުރިއަށްދާނެކަމަށް މޯލްޑިވިއަންއިން ވިދާޅުވެެއެވެ. މޯލްޑިވިއަންއިން ބުނީ އެއަރ ޝޯވ ކުރިއަށްދާނީ ހޯމަދުވަހު ހަވީރު 05:00އިން 05:30އަށެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން މޯލްޑިވިއަންއަށް ގެންނަ އޭ-330 ބޯޓު މިވަގުތު އޮތީ ސިންގަޕޫރުގައެވެ.

ބޯޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަންއިން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ވައިޑު ބޮޑީގެ އޮޕަރޭޝަންތައް އެންމެ ފުރަތަމަވެސް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ތިން މަންޒިލަކަށްކަމަށް މޯލްޑިވިއަންއިން މަޢުލޫމާތުދެއްވައެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. އެއަށްފަހު ޔޫރަޕަށްވެސް ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ އަމާޒެކެވެ.

މި ބޯޓާއެކު އިތުރު 60،000 ފަސިންޖަރުން ކޮންމެ އަހަރަކު ރާއްޖެ ގެނެވޭނެކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ.

މި ބޯޓުގައި ތިން ކެޓަގަރީއެއްގައި ފަސިންޖަރުންނަށް ޚިދުމަތްދޭނެއެވެ. އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސްއެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 20އަށްވުރެ ގިނަ މަތިންދާބޯޓު ދަނީ ބޭނުންކުރަމުންނެވެ.