ޚަބަރު

ކްރިކެޓް ބޯޑުން އަންނަ އަހަރަށް 7.38 މިލިޔަން ރުފިޔާ ބަޖެޓެއް


ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން 2025 ވަނަ އަހަރަށް 7.38 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ކްރިކެޓް ބޯޑުން އަންނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އަންނަ އަހަރު ލިބޭނެ ކަމަށް އަންދާސާ ކޮށްފައިވާ އަދަދަކީ 7.17 މިލިޔަން ރުފިޔާއެވެ. އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގެ މައިގަނޑު އަމާޒަކީ ޖޫނިއަރ ކްރިކެޓްގެ ހަރަކާތްތައް ފުޅާކުރުމާއި، ކްރިކެޓް ތަރައްގީކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ގާއިމުކުރުމެވެ. ކްރިކެޓް ބޯޑުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ބަޖެޓް ޖަލްސާގައި، ހާޒިރުވި ކުލަބުތަކުގެ އަގުލަބިއްޔަތުންނެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވީ ހިންގާ ގާވާއިދަށް ގެނެވުނު ބަދަލާއެކު، އަހަރު ނިމުމުގެ ކުރިން ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރާ ގޮތަށް ހަމަޖެހުމަކީ، ބޯޑު ހިންގުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ފައިސާ ބެލެހެއްޓުމާއި، ޙަރަދުކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"
އަންނަ އަހަރު ޖޫނިއަރ ކްރިކެޓަށް ޙާއްސަ ކުރެވިގެން އައު ދެ ކަމެއް ކުރުމަށް ބަޖެޓް ކުރެވިފައިވާނެ. އެއީ ކްރިކެޓް އެކަޑަމީގެ މަސައްކަތްތައް ފެށުމާއި، އައު ކްރިކެޓަރުން އުފެއްދުމާއި، ކްރިކެޓް ފުޅާކުރުމަށް ހިންގޭ ސީޑްސް ޕްރޮގްރާމް ފެށުމަށްޓަކައި. މީގެ އިތުރުން ކްރިކްޓް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޚަރަދުތަކެއް ކުރެވޭނެ. އަމާޒަކީ ހިންގާ ކޮމިޓީގެ އައު ދައުރު ހަރަކާތްތެރިކަމާއި، ނަތީޖާ ނެރުމަށް އިތުރަށް ފޯކަސް ވެގެން ދިޔުން.
މުޙައްމަދު ފައިސަލް - ސީބީއެމްގެ ރައީސް

ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދަށް ދާދިފަހުން ގެނެވުނު އިސްލާހުތަކާއެކު، ބޯޑުގެ ކުރިއަށް އޮތް އަހަރުގެ ބެޖެޓް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފާސްކުރަން ޖެހެއެވެ.

ކްރިކެޓް ބޯޑުން އަންނަ އަހަރަށް 7.38 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، މިއީ މިދިޔަ އަހަރަށް ފާސްކުރި ވަރަށް ވުރެ 1.3 މިލިޔަން ރުފިޔާ އިތުރު ބަޖެޓެެކެވެ. އެގޮތުން މިދިޔަ އަހަރަށް ކްރިކެޓް ބޯޑުން ފާސްކޮށްފައިވަނީ 6.08 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.