ޚަބަރު

ޖަރުމަނުވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި


ޖަރުމަނުވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވާގޮތުގައި މި މަހުގެ 22 ވަނަ ދުވަހު ހުޅުވުނު މި އެމްބަސީއަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖޭގެ ޤަދަރު އުފުލޭފަދަ މަސައްކަތްކުރުމަށާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށް މަސައްކަތްކުރުމަށް ޤާއިމްކުރެވުނު އެމްބަސީއެކެވެ. މީގެ އިތުރުން ޖަރުމަނުވިލާތުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށާއި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އެކުވެރިކަން ދަމަހައްޓައި އިތުރަށް ބަދަހިކުރުމުގެ މަސައްކަތްވެސް މި އެމްބަސީން ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢްލޫމާތު ދެއްވައެވެ.



ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

1. ޖަރުމަނުވިލާތުގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ހިންގަންޖެހޭ އެކިއެކި މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޖަރުމަނުވިލާތުގެ ސަރުކާރާ ދެމެދު އެކުވެރިކަން ދަމަހައްޓައި، ބަދަހިކުރުމަށް މަސައްކަތް ކުރުން.

2. ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިއާގެ އެކިއެކި ފަރާތްތަކާއި، ޖަރުމަނުވިލާތުގެ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.

3. ޖަރުމަނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުސަތުތަކާބެހޭ މަޢުލޫމާތު ދީ އެފަދަ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.

4. ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކިއެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ރާއްޖެއިން ޖަރުމަނުވިލާތުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.

5. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޖަރުމަނުވިލާތުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.

6. ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފްލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.

7. ޖަރުމަނުވިލާތުގެ ސަރުކާރުންނާއި އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.

8. ޖަރުމަނުވިލާތުގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމްގެ ދަށުން ޖަރުމަނުވިލާތުގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.

9. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.

10. ޖަރުމަނުވިލާތުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށްއެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.

11. ޖަރުމަނުވިލާތުގައި އުފަންވާ ދިވެހިކުދިން ދިވެހިރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.

12. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ޖަރުމަނުވިލާތަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޖަރުމަނުވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.

13. ޖަރުމަނުވިލާތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލްގެ ޚިދްމަތް ފޯރުކޮށްދިނުން.

14. ރާއްޖޭގެ މިނިވަންދުވަސް ޖަރުމަނުވިލާތުގައި ފާހަގަކުރުން.

15. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އަދި އެނޫންވެސް މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް ހޯދައި އެއްކޮށް، ބެލެހެއްޓުން.

16. ތާރީޚަށްޓަކައި އަދި އެނޫންވެސް ގޮތަކުން ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.

17. ސަރުކާރުގެ ފަރާތްތަކުން ޖަރުމަނުވިލާތުގެ ސަރުކާރަށާއި، ޖަރުމަނުވިލާތުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.

18. ޖަރުމަނުގައި ހިންގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި މުހިންމު ކަމަށް އެމްބަސީއަށް ފެންނަ އެނޫންވެސް ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.

19. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.