ދުނިޔެ

އައިއެސްގެ އަތްދަށުން ފައްލޫޖާ މިނިވަން ވެއްޖެ- އިރާގް


އިރާގުގެ ސިޓީއެއްކަމަށްވާ ފައްލޫޖާގައި އައިއެސް ޖަމާއަތާ ދެކޮޅަށް ކުރި ހަނގުރާމައިގާ އެޖަމާއަތުގެ މައްޗަށް ނަސްރު ލިބިއްޖެކަން އިރާގުން ރަސްމީ ސިފައެއްގައި އިޢުލާންކޮށްފިއެވެ.

އިރާގު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައްލޫޖާގެ ހުރިހާ ސަރަހައްދުތަކެއް އައިއެސްގެ އަތްދަށުން މިނިވަންކޮށް އެސިޓީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށާ މިއީ އިރާގުގެ ސިފައިންނާއި ރައްޔިތުން އައިއެސް ޖަމާއަތުގެ މައްޗަށް ހޯދި ބޮޑު ނަސްރެއް ކަމަށެވެ.

އިރާގުން ރަސްމީ ސިފައެއްގައި މިކަން އިޢްލާން ކުރުމުގެ ކުރިން އެޤައުމުގެ ސިފައިންވަނީ ފައްލޫޖާ އައިއެސްގެ އަތްދަށުން މިނިވަންކުރެވުނުކަން ހާމަކޮށް އާދީއްތަ ދުވަހު ބަޔާނެއް ނެރެފައެވެ. ފައްލޫޖާ މިނިވަން ކުރުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށާފައިވަނީ މިދިޔަ މޭމަހުގެ 23 ވަނަ ދުވަހުގައެވެ. މިއޮޕަރޭޝަންގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެތަށްބަޔަކު މަރުވެފައިވެއެވ. އަދި ހަނގުރާމައިގެ ސަބަބުން ފައްލޫޖާގެ ލައްކައަކަށްވުރެ ގިނަ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އެރަށުން ނުކުމެފައިވެއެވެ.

މިހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ފައްލޫޖާގެ ރައްޔިތުންގެ ގިނަބަޔަކު އަދިވެސް ތިބީ ހިޔާވަހިކަމެއްނެތި ހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނުގައެވެ.

އައިއެސް ޖަމާއަތުގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ ފައްލޫޖާ މިނިވަން ކުރެވުމާއެކު އިރާގު ސިފައިންވަނީ އެޖަމާއަތުގެ އަތްދަށުގައިވާ އެހެން ސިޓީއެއް ކަމަށްވާ މޫސަލް މިނިވަންކުރުމުގެ އޮޕަރޭޝަންވެސް ފަށާފައެވެ.