ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ނެތް ކަމަށާއި، އަންހެން ލީގެއް ނެތުމަކީ ގައުމީ ސްކޮޑް އެކުލަވާލުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމާއެކު އިންޑިއާއަށް ފުރުމުގެ ކުރިން "ޕީއެސްއެސް ސްޕޯޓްސް"އާ ވާހަކަދައްކަމުން ކޯޗު ނިޒާމް ބުނީ ރާއްޖޭގައި ލީގެއް ނެތުމުން އަންހެން ޓީމު އެކުލަވާލުމަށް މާ ބޮޑު ޗޮއިސްއެއް ނެތް ކަމަށެވެ. އެހެންނަމަވެސް އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ދާދި ފަހުން ތައާރަފުކުރި އޭއެފްސީ ކުލަބު ޗެމްޕިއަންޝިޕަކީ ރާއްޖޭގައި މުބާރާތެއް ބޭއްވުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށްވެސް ނިޒާމް ބުންޏެވެ.
ނިޒާމް ބުނީ އޭޝިއާ ސަރަހައްދުގެ އަންހެން ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އޭއެފްސީ ކުލަބު ޗެމްޕިއަންޝިޕަކީ ޗެމްޕިއަން ޓީމަށް އެއް މިލިއަން ޑޮލަރު ލިބޭ މުބާރާތެއް ކަމަށާއި، އެހެންކަމުން އެކަމަށް ޓީމަކުން މަސައްކަތް ނުކުރާނެ ސަބަބެއް ނެތް ކަމަށެވެ.
"އެ މުބާރާތަކީ މިހާތަނަށް އެންމެ އަގުބޮޑު މުބާރާތަށްވާނެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެކަނި އެބަ ލިބޭ އެއް މިލިއަން ޑޮލަރު. އެކަމަށް ޓީމަކުން މަސައްކަތް ނުކުރާނެ ސަބަބެއް ނެތް. މީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކުލަބުތަކަށްވެސް އަދި މުބާރާތެއް މި ތަނުގައި ފެށުމަށްވެސް"
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް ނިޒާމް ބުނީ މިހާރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި މިއޮތް ނޯމަލައިޒޭޝަން ކޮމިޓީއަށްފަހު ދެން ބާއްވާ އިންތިހާބަކަށްފަހު އެ އިދާރާއާއި ހަވާލުވާ ބޭފުޅުން މިހާރަށްވުރެ ބޮޑަށް ދިވެހި އަންހެން ފުޓްބޯޅައަށް ފޯކަސް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ނިޒާމް ބުނީ އެ މުބާރާތަކީ ރާއްޖޭގެ ކުލބުތަކަށް ލިބޭ ބޮޑު ހިތްވަރަކަށްވާނެ ކަމަށާއި، އަނެއްކޮޅުން މެދުނުކެނޑި މުބާރާތެއް ކުރިޔަށްދާ ކަމަށްވާނަމަ ކުޅުންތެރިން އުފެދެމުން އަންނާނެ ކަމަށާއި، އެއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.