ޚަބަރު

ބައި ބިލިޔަން ކުޑަކުދިން ދިރިއުޅެނީ ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި: ޔުނިސެފް


ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު, ނުވަތަ 473 މިލިޔަނަށްވުރެ ގިނަ ކުޑަކުދިން ދިރިއުޅެނީ ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގަމުންދާ ސަރަޙައްދުތަކުގައި ކަމަށް އދގެ ކުޑަކުދިންނާ ބެހޭ އިދާރާ, ޔުނިސެފުން ބުނެފިއެވެ. ޔުނިސެފުން މިހެން ބުނެފައި މި ވަނީ ޣައްޒާއާއި ސޫދާނާއި ޔުކްރޭން ފަދަ ޤައުމުތަކުގައި ހަނގުރާމަ ހިނގަމުން ދަނިކޮށެވެ.

ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން ފަލަޞްޠީނުގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި މިހާތަނަށް 17,492 ކުޑަކުދިން ވަނީ ޝަހީދު ވެފައެވެ.

ޔުނިސެފްގެ އެކްޒެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވި 2024ވަނަ އަހަރަކީ މިހާތަނަށް ޔުނިސެފުގެ ތާރީޚުގައި ވެސް އެންމެ ގިނަ ޢަދަދެއްގެ ކުދަކުދިންނަށް ހަނގުރާމައާއި ހަމަނުޖެހުމުގެ އަސަރު އެންމެ ބޮޑަށް ކުރި އަހަރު ކަމުގައެވެ.

ރަސެލް ވިދާޅުވީ ހަމަނުޖެހުންތައް ހިނގާ ސަރަޙައްދެއްގައި ބޮޑުވާ ކުޑަކުދިންނަށް މަދަރުސާއަށް ދިއުމުގެ ފުރުޞަތު ކުޑަވާ ކަމަށެވެ. އޭގެ އިތުރުން ހަމަނުޖެހުން ނުހިނގާ ސަރަޙައްދެއްގައި ދިރިއުޅޭ ކުދީނަށްވުރެ ހަށިގަނޑަށް ބެނުންވާ މިންވަރަށް ކާބޯތަކެތީގެ ބާވަތްތައް ނުލިބުމާއި ގެދޮރު ދޫކޮށް ދާން މަޖުބޫރުވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭ ނިޞްބަތް އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ އާދައިގެ ކަމަކަށް ވެގެން ނުވާނެ. ދުނިޔޭގައި ހިފެހެެއްޓުމެއް ނެތި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުޑަކުދިންގެ ޖީލެއް އެ ހަނގުރާމައިގެ ގެއްލުން ލިބިގަތުތަށް އަޅުގަނޑުމެންނަކަށް ދޫކޮށެއް ނުލެވޭނެ,” އޭނާ ވިދާޅުވިއެވެ.

ޔުނިސެފުން ބުނީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ނިޞްބަތް ދެ ގުނައަށް އިތުރުވެފައިވާ ކަމަށެވެ. 1990ވަނަ އަހަރު އެ ނިޞްބަތް 10 އިންސައްތައިގައި ހުރި ނަމަވެސް މިހާރު އެ ޢަދަދު ހުރީ 19 އިންސައްތައިގައި ކަމަށް ޔުނިސެފުން ފާހަގަ ކުރެއެވެ.

ޔުނިސެފްގެ ރިޕޯޓެއްގައި ބުނީ 2023ވަނަ އަހަރު ހަމަނުޖެހުންތަކާއި އަނިޔާވެރިކަމުގެ ސަބަބުން 47.2 މިލިޔަން ކުޑަކުދިން ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދާން މަޖުބޫރު ވެފައިވާ ކަމަށެވެ. 2024ވަނަ އަހަރު މި ގޮތަށް ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވި ކުދިންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އެއީ ހައިޓީއާއި ލުބުނާނާއި މިޔަންމާއާއި ފަލަސްޠީނާއި ސޫދާނުގައި ކުރަމުންދާ ހަނގުރާމަތައް އިތުރަށް ގޯސްވުމުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި 2023ވަނަ އަަހަރުން ފެށިގެން ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ބޮޑެތި ޖަރީމާތައް ރެކޯޑު ޢަދަދަކަށް ވަނީ އިތުރު ވެފައެވެ. އެ އަހަރު 22,557 ކުއްޖަކާ ދެކޮޅަށް ހިންގާފައިވާ 32,990 ޖަރީމާ ފާހަކޮށްފައި ވެއެވެ. މިއީ އދގެ ސަލާމަތީ މަޖިލީހުގެ އެންގުމަށް މި ފަދަ ޢަދަދުތައް ބަލަހައްޓަން ފެށި ފަހުން އެ ޢަދަދު އެ މިންވަރަށް މަތިވި ފަހަރެވެ.

ޔުނިސެފުން ބުނީ ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖަަރީމާތައް ޖުމްލަ ގޮތެއްގައި އިތުރުވި ނަމަވެސް މި އަހަރުގެ ޢަދަދުތައް އަނެއްކާ ވެސް އިތުރު ވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ޔުނިސެފުން ފާހަަގަ ކުރީ ޣައްޒާގައި ޔަހޫދީ އިސްތިއުމާރީ ފަައުޖުން ދެމުންދާ ޙަމަލާތުގައި އެތައް ހާސް ކުދިންނެއް ޝަހީދުވުމާއި ޔޫކްރެއިންގެ ހަނގުރާމައެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ޢަދަދު ވެސް ވަނީ އިތުރުވެފައެވެ. ކުދިންގެ ތަޢުލީމަށް ބޮޑު އަސަރުތަކެއް ކުރުމުގެ އިތުރުން ކާނާ ނުލިބުމުގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުން އިތުރުވެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަނީ ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައެވެ.

“މި ކުދިންގެ ކަންކަމުގައި މުޅި ދުނިޔެ މި ވަނީ ފެއިލް ވެފައި. 2025 ފެށެން ތައްޔާރުވެފައިވާ އިރު މި ކަން ބަދަލުކޮށް ކުޑަކުދިންގެ ދިރުއުޅުން ސަލާމަތްކޮށް ހެޔޮ ބަދަލުތައް ގެނައުމަށް އިތުރު މަސައްކަތްތައް ކުރަންޖެހޭ,” ރަސެލް ވިދާޅުވިއެވެ.

ޔުނިސެފްގެ މުވާސަލާތީ ކަންކަމާގުޅޭ މާހިރު ރޮސާލިއާ ބޮލެން ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށްލި ޢަދަދަކީ ފަހުގެ ތާރީޚެއްގައި ހިނގި އެއްވެސް ހަމަނުޖެހުމެއްގައި އެއް އަހަރު ތެރޭގައި ރެކޯޑު ކުރެވިފައި ނުވާ ޢަދަދެއް ކަމަށެވެ. ފަޤީޜުކަމާއި އަނިޔާވެރިކަން ނައްތާލަން މަސައްކަތް ކުރާ އޮކްސްފުމުން ޣައްޒާގެ ހަނގުރާމަ ސިފަކޮށްފައި ވަނީ ބިރުވެރި ހުވަފެނެއްގެ ގޮތުގައި ކަމަށް ބޮލެން ފާހަގަ ކުރެއްވިއެވެ. ޣައްޒާގެ ކުޑަކުދިން ދުވަސްތައް ހޭދަކުރަނީ ފިންޏާއި ބަލިމަޑުކަމާ ހަނގުރާމަކުރާ ޙާލުގައި އެތައް ނަފްސާނީ އުނދަގޫތަކެއް ތަހައްމަލް ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޮލެން ވިދާޅުވީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންގެ 96 އިންސައްތައަށް ހަށިގަނޑަށް ބެނުންވާ އަސާސީ ކާނާ ނުލިބޭ ކަމަށެވެ.

“އިންސާނީ އެހީތެރިންނަށް ދުނިޔޭގައި ހުރި އެންމެ ހިތްދަތި ތަނަކީ ޣައްޒާ ކަމާމެދު ޝައްކެއް ނެތް. ކުޑަ ކުއްޖެެއްގެ ފުރާނަ ސަލާމަތްކުރަން ކުރެވޭ ކުޑަކުޑަ މަސައްކަތެއް ވެސް ފަހަތަށް ޖައްސާލަނީ ފަނާކުރަނިވި ގެއްލުން,” އޭނާ ވިދާޅުވިއެވެ.

ބޮލެން ވިދާޅުވީ ފިނި މޫސުމުގެ ދުވަސްތައް ކުޑަކުދިން ތަހައްމަލް ކުރަމުން ދަނީ ފިނިން ރައްކާތެރި ކޮށްދޭ ހެދުމެއް ހިސާބު ވެސް ނެތި ކަމަށެވެ. ބޭނުންވާ ތަކެތި ހޯދުމަށް ކުނިތަކުގެ ތެރޭގައި ފީނަން އެ ކުދިންނަށް މަޖުބޫރު ވެފައިވާ ކަމަށާއި ބަލިމަޑުކަމުގެ ޝިކާރައަކަށް އެ ކުދިން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އެ ކުދިންގެ މައިންބަފައިން ޣައްޒާ ދޫކޮށް އިރުމަތީ ޤުދުސަށް ނުވަތަ އެ ނޫން ވެސް ތަނަކަށް ގެންގޮސް ޞިއްޙީ ފަރުވާ ދިނުމަށް ސިޔާސީ ރައުސުލްމާލާއި ދާޚިލީ ބާރު ބޭނުން ކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

“މި ހަނގުރާމައަކީ އަހަރެމެން އެންމެންގެ ނިދި ނަގައިލާވަރުގެ ކަމަކަށް ވާން ޖެހޭ. ޣައްޒާގެ ކުޑަކުދިންނަކަށް މަޑުކުރެވޭކަށް ނެތް,” އޭނާ ވިދާޅުވިއެވެ.