ދުނިޔެ

އިސްރާއީލާއި ތުރުކީގެ ގުޅުން އަލުން ޤާއިމްކުރަނީ


އިސްރާއީލާއި ތުރުކީވިލާތުގެ ގުޅުންތައް އަލުން ޤާއިމްކުރުމާ ބެހޭގޮތުން ދެޤައުމު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވީ، މިމައްސަލާގައި އެއްބަސްވުމަކަށް އައީ ދެޤައުމުގެ މަސްއޫލުވެރިން އިޓަލީގެ ވެރިރަށް ރޯމްގައި ކުރެއްވި މަޝްވަރާތަކަކަށްފަހުގައި ކަމަށެވެ.

އިސްރާއީލާއި ތުރުކީވިލާތުގެ ގުޅުންތައް އަލުން ޤާއިމްކުރުމާބެހޭގޮތުން ދެޤައުމު އެއްބަސްވުމަކަށް އައިނަމަވެސް މިކަން ރަސްމީގޮތުން އިޢްލާން ކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ތުރުކީވިލާތުގެ ބޮޑުވަޒީރު ބިން އަލީ ޔެލްޑްރިމް ނެރުއްވުމަށް ހަމަޖެހިފައިވާ ބަޔާންތަކުންނެވެ. ދެބޭފުޅުން ވަކިވަކިން ނެރުއްވުމަށް ހަމަޖެހިފައިވާ މިބަޔާންތައް މިއަދު ނެރުއްވާނެއެވެ. މިކަމާބެހޭގޮތުން ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން އެއްޗެއް ބުނެފައެއްނުވެއެވެ.

އިސްރާއީލާއި ތުރުކީވިލާތުގެ ގުޅުންތައް ކެނޑުނީ އިސްރާއީލުން ޙިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީ ހިފައިގެންދިޔަ ތުރުކީވިލާތުގެ އާގު ބޯޓެއް ކަމަށްވާ މަރްމަރާ ބޯޓު ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ނުވަންނަނީސް އިސްރާއީލުގެ ސިފައިން އެބޯޓަށް ހަތިޔާރާއެކު އަރައި އެބޯޓުގައި ތިބި ތުރުކީވިލާތުގެ އެކްޓިވިސްޓުންގެ ތެރެއިން 9 މީހުންގެ ގަޔަށް ބަޑިޖަހައި މަރާލުމާ ގުޅިގެންނެވެ. 2010 ވަނަ އަހަރު އިސްރާއީލުން ހިންގި މިޖަރީމާއާއި ގުޅިގެން ތުރުކީވިލާތުންވަނީ އިސްރާއީލަކީ ޓެރަރިސްޓް ޤައުމެއް ކަމަށް ސިފަކޮށްފައެވެ. އަދި މަރްމަރާ އާގުބޯޓަށްއަރައި ތުރުކީވިލާތުގެ އެކްޓިވިސްޓުން މަރާލުމަށް އިސްރާއީލުން ހިންގި ޖަރީމާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށް ތުހުމަތުކޮށް އެމައްސަލާގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި އިސްރާއީލާދެކޮޅަށް ދައުވާއުފުލާގެ ކަމުގެ އިންޒާރުވެސް ތުރުކީވިލާތުން ދީފައިވެއެވެ.

މިއާއެކު ތުރުކީވިލާތުންވަނީ އިސްރާއީލާއެކު ބާއްވަމުން ގެންދިޔަ ގުޅުންތައް ކަނޑާލައި އިސްރާއީލާއެކު ކުރިން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައްވެސް އުވާލާފައެވެ.

މީގެއިތުރުން ތުރުކީވިލާތުންވަނީ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައްވެސް އިސްރާއީލާ ދެކޮޅަށް އަޅާފައެވެ. މީގެތެރޭގައި އިސްރާއީލުގައި އުފައްދާ ހަތިޔާރު ތުރުކީވިލާތަށް އިންޕޯޓްކުރުން މަނާކުރުމާއި ތުރުކީވިލާތުގެ އެކްޓިވިސްޓުން މަރާލި ޖަރީމާއާ ގުޅުންހުރި އިސްރާއީލުގެ ސިފައިންނާއި މަސްއޫލުވެރިން ތުރުކީވިލާތަށް ވަނުން މަނާކުރުން ހިމެނެއެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޒައާމަތުގައި ތުރުކީވިލާތަކީ ފަލަސްތީނުގެ ހައްޤުތަކަށް ވަރަށްބޮޑަށް ވަކާލާތުކޮށް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތްލު އާންމުތަކާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ވަރަށްބޮޑަށް ކުށްވެރިކުރާ ޤައުމެކެވެ. މަރްމަރާ ބޯޓުގެ ޖަރީމާއަށް 6 އަހަރުފުރުނު ފަހުން އިސްރާއިލާ ގުޅުންތައް އަލުން ޤާއިމްކުރުމަށް ތުރުކީވިލާތުން ނިންމީ މިމައްސަލާގައި ތުރުކީވިލާތުން ކުރިމަތިކުރި ޝަރުތުތަކުގެ ތެރެއިން ގިނަޝަރުތުތަކަށް އިސްރާއީލު އިޖާބަ ދިނުމާ ގުޅިގެންނެވެ.

ތުރުކީވިލާތުން ކުރިމަތިކުރި ޝަރުތުތަކުގެ ތެރޭގައި އިސްރާއީލުން މަރާލި ތުރުކީ އެކްޓިވިސްޓުންގެ އާއިލާތަކަށް މާލީ ގޮތުން ބަދަލު ދިނުމާއި އެޖަރީމާއަށް އިސްރާއީލުން ރަސްމީ ސިފައެއްގައި މައާފަށް އެދުމާ އަދި ޣައްޒާގެރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުން ހިމެނެއެވެ.

މީގެތެރެއިން ޣައްޒާގެރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމުގެ ޝަރުތައް އިސްރާއީލު އެއްބަސްވިކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް އަނެއް ދެޝަރުތަށް އިސްރާއީލު ވަނީ އިޖާބަދީފައެވެ. މިގޮތުން މިހާދިސާއަށް އިސްރާއީލުން މައާފަށް އެދިފައިވާއިރު އިސްރާއީލު ސިފައިން މަރާލި ތުރުކީވިލާތުގެ 9 މީހުންގެ އާއިލާތަކަށް 20 މިލިޔަން ޑޮލަރުގެ ބަދަލެއްދިނުމަށް އިސްރާއީލުވަނީ އެއްބަސްވެފައެވެ.