ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކަށް ފޮނުވާފައިވާ އުތުރު ކޮރެޔާ (ޑީޕީއާރްކޭ)ގެ ސިފައިންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ސިފައިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ކޫރްސްކަށް އަރައިގަނެފައި ވަނީ އޮގަސްޓު މަހުގެ 6ވަނަ ދުވަހުއެވެ. ޑީޕީއާރްކޭން ކޫރްސްކަށް ސިފައިން ފޮނުވާފައި ވަނީ، ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ރަޝިޔާގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެރުބުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ފުރަތަމަ ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ ރަޝިޔާއިންނެވެ. ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ވެރިވެގަނެފައެވެ. ރަޝިޔާގެ ކޫރްސްކަށް ޔޫކްރެއިންގެ ސިފައިން ފޮނުވައި، ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައި ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޑީޕީއާރްކޭގެ ސިފައިންނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެ މީހުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމުގައެވެ. އަދި، ރަޝިޔާގެ ސިފައިންގެ ކިބައިން ޙިމާޔަތާއި ރައްކާތެރިކަން ލިބެމުން ނުދާ ކަމުގައެވެ. އަދި، ޔޫކްރެއިންގެ ފައުޖުތަކާ ކުރިމަތިލާ ޑީޕީއާރްކޭގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، އޭނާގެ ސިފައިންނާ ކުރިމަތިލުމަށް ރަޝިޔާއިން ޑީޕީއާރްކޭގެ ސިފަައިން ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވަމުން ދަނީ އެކަށީގެންވާ ރައްކާތެރިކަމާ ނުލައި ކަމުގައެވެ. އަދި، ޔޫކްރެއިންގެ ސިފައިންގެ އަތްދަށުވިޔަ ނުދިނުމަށް ޑީޕީއާރްކޭގެ ސިފައިން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައެވެ.
"އެ މީހުންނަށް [ޑީޕީއާރްކޭގެ ސިފައިންނަށް] ކުރިމަތިވަމުން ދަނީ ފާހަގަ ކުރެވޭހާ ބޮޑެތި ގެއްލުމެއް، ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. އަޅުގަނޑުމެންނަށް ފެންނަމުން ދަނީ، އުތުރު ކޮރެޔާގެ ސިފައިންގެ ފުރާނަ ޙިމާޔަތް ކުރުމަށް ރަޝިޔާއިން ވެސް، އުތުރު ކޮރެޔާއިން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ މަންޒަރު،" ޒެލެންސްކީ ވިދާޅުވިއެވެ.
"ހުރިހާ ކަމެއް ވެސް އިންތިޒާމު ކޮށްފައި ވަނީ، އެ މީހުން [ޑީޕީއާރްކޭގެ ސިފައިން] ހައްޔަރު ނުކުރެވޭނެ ފަދަ ގޮތަކަށް. ބައެއް ހާލަތްތަކުގައި އެ މީހުން [ޑީޕީއާރްކޭގެ ސިފައިން] އެ މީހުންގެ އަމިއްލަ ސިފައިން މަރަމުންދާ މަންޒަރު ފެނޭ. ހަނގުރާމައިގެ ކުރީ ސަފަށް ރަޝިޔާއިން އެ މީހުން ފޮނުވަމުން ދަނީ އެއްވެސް ރައްކާތެރިކަމަކާ ނުލައި."
ޔޫކްރެއިން އަދި ހުޅަނގުގެ ޤައުމުތަކުގެ ޖާސޫސީ އިދާރާތަކުން ޤަބޫލު ކުރާ ގޮތުގައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިކުރުމަށް އުތުރު ކޮރެޔާއިން 12,000އެއްހާ ސިފައިން ވަނީ ރަޝިޔާއަށް ފޮނުވާފައެވެ. އޭގެ ތެރެއިން ގިނަ ސިފައިން ތިބީ ކޫރްސްކުގައި ކަމަށް ވެސް އެ އިދާރާތަކުން ބުންޏެވެ. ކޫރްސްކަކީ ރަޝިޔާގެ ހުޅަނގުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސަރަޙައްދެކެވެ.
ޒެލެންސްކީ ވިދާޅުވީ، ކޫރްސްކްގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ޑީޕީއާރްކޭގެ 3,000އަށްވުރެ ގިނަ ސިފައިން މަރުވެފައި، ނުވަތަ ޒަޚަމުވެފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އޭގެ ތެރެއިން ބައެއް ސިފައިން ހައްޔަރު ކޮށްފައިވާނެ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. ނަމަވެސް، ޑީޕީއާރްކޭގެ ގިނަ ސިފައިންނަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމަށާއި، އެ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައި ނުވާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ކޮރެޔާގެ ރައްޔިތުން "ވިލާތުގައި ކުރަމުންދާ ހަނގުރާމައެއްގައި ބައިވެރިކުރުވައި، އެ މީހުންގެ ފުރާނަ ނަގައިލެވިގެން ނުވާނެ. މިއީ ކޮރެޔާގެ އަވައްޓެރިން، ޗައިނާ ހިމެނޭ ގޮތުން، ހުއްޓުވިދާނެ ކަމެއް. [ރަޝިޔާ-ޔޫކްރެއިން] ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ޗައިނާއިން ހެޔޮ ނިޔަތުގައި ދެކޮޅު ހަދާ ނަމަ، އެ ކަން [ރަޝިޔާއަށް ޑީޕީއާރްކޭގެ ސިފައިން ފޮނުވުން] ހުއްޓުވަން ޕްޔުންގޔަންގަށް ޗައިނާއިން ބާރުއަޅަން ޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކް އަދި ދޮންޏެސްކުގެ ގިނަ ރަށްތަކެއް ހިމެނެއެވެ. އަދި، ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ ބިމުގެ %18 އިންސައްތަ މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައި ކަމުގައި ރަޝިޔާއިން ބުނެއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ 2014ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.