ޚަބަރު

ޔަހޫދީން ޙިމާޔަތް ކުރުމަށް އެމެރިކާގެ އެންމެ ޒަމާނީ ދިފާޢީ ހަތިޔާރު ބޭނުންކޮށްފި


ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން ޒަޔަނިސްޓު އިސްރާއީލުގައި ޤާއިމު ކޮށްދީފައިވާ ވައިގެ ޙަމަލާތައް ދިފާޢު ކުރާ ޒަމާނީ ނިޒާމު ބޭނުން ކުރަން ފަށާފައިވާ ކަން ހާމަވެއްޖެއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިއަކީ، އަދި އެހީތެރިއަކީ ވެސް އެމެރިކާއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާނާ ގުޅިގެން، ޣައްޒާގެ މުސްލިމުންގެ ދިފާޢުގައި މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ތެދުވެފައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައެވެ.

އޭގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިތުރުން ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން ވެސް ހިމެނެއެވެ. މީގެ އިތުރުން ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގަން ފަށާފައެވެ.

ޔަހޫދީންގެ ޙިމާތަކާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ބައިޑަންގެ ދައުރު

އެ ޙަމަލާތަކުން ޒަަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީން ޙިމާޔަތް ކޮށްދިނުމަށް ތެދުވެފައި ވަނީ އެމެރިކާއެވެ. އަދި، ރައީސް ޖޯ ބައިޑަންގެ އިސްނެންގެވުމުގެ ދަށުން އިސްރާއީލަށް އެންމެ ފަހުގެ ޒަމާނީ ދިފާޢީ ނިޒާމުތައް ވަނީ ފޮނުވަން ފަށާފައެވެ. އޭގެ ތެރޭގައި 'ޓަރމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް ސިސްޓަމް' ނުވަތަ ތާޑްގެ ނަން ދީފައިވާ ވައިގެ ދިފާޢީ ނިޒާމު ހިމެނެއެވެ.

އެ ނިޒާމުގެ އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން އިސްރާއީލަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ދިފާޢު ކުރުމަށް ތާޑް ނިޒާމު ބޭނުން ކުރަން ފަށާފައިވާ ކަމުގައެވެ. މި ގޮތުން، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ތާޑް ނިޒާމު ބޭނުންކޮށްގެން ޔަމަންގެ ޙޫޘީން ބޭނުންކުރި މިސައިލެއް ފަދަ ހަތިޔާރެއް ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައެވެ.

މަޢުލޫމާތު އިނގޭ މަޞްދަރުތަކުން މި ކަން ހާމަކޮށްފައިވީ ނަމަވެސް، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. މަޞްދަރުތަކުން ބުނީ، ޙޫޘީންގެ ޙަމަލާތައް ދިފާޢު ކުރުމުގައި ތާޑް ނިޒާމުގެ ޤާބިލުކަމާއި ކާމިޔާބީ ވަޒަން ކުރުމަށް ޕެންޓެގަނާއި އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޔަމަނަށް ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކެއް

ޔަމަންގެ ޙޫޘީން ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދީފައި ވަނީ، ޑިސެންބަރު 26ވަނަ ދުވަހު ޔަހޫދީ ފައުޖުން ޔަމަނަށް ދިން ނިރުބަވެރި ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކުގައި ވެރިރަށް ޞައްޢާގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ވެސް ބޮންއަޅައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ ޙަމަލާތަކުގައި ހަ މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ޙޫޘީން ބުންޏެވެ.

ޔަމަންގެ ޙޫޘީން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް އަސްކަރީ ޑްރޯނާއި ނުރައްކާތެރި މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދޭން ފަށާފައި ވަނީ ޣައްޒާ ޢުދުވާނާ ގުޅުވައިގެންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނާއި ޣައްޒާގެ މުސްލިމުންނަށް ވާގިވެރިވުމެވެ. އަދި ބޭނުމަކީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމެވެ.

އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފޫގަޅުއްވައިގެން ހުންނެވި ބައިޑަން އިސްރާއީލަށް ދިފާޢީ ހަތިޔާރާއި ސިފައިން ފޮނުވަން ނިންމަވާފައި ވަނީ އޮކްޓޫބަރު މަހުއެވެ. ވައިގެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުން ކުރާ ތާޑް ނިޒާމު އިސްރާއީލަށް ފޮނުވާފައި ވަނީ އެ ނިންމުމުގެ ދަށުންނެވެ. އެ ނިޒާމު އޮޕަރޭޓު ކުރުމަށް 100އެއްހާ އެމެރިކާ ސިފައިން ވެސް އިސްރާއީލަށް ފޮނުވާފައިވެއެވެ. ތާޑް ނިޒާމު ޤާއިމު ކުރެވުމާ އެކު، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އެތަކެއް ގުނައަކުން ހަރުދަނާ ކުރެވިފައިވާ ކަމުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ.

ޔަމަންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު ނިކަމެތިކަން

ޔަހޫދީ ސިފައިން ޞަންޢާ ވައިގެ ބަނދަރަށް ދީފައިވާ ނިރުބަވެރި ޙަމަލާތައް އދން ވަނީ ކުށްވެރިކޮށްފައެވެ. ޔަމަންގައި ހުންނަވާ އދގެ އެހީދޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޖޫލިޔަން ހަރްނީސް ވިދާޅުވީ ޞަންޢާ ވައިގެ ބަނދަރަކީ ޢާންމުންނަށް ޚިދުމަތްދޭ މަދަނީ ޢުމްރަނީ ވަސީލަތެއް ކަމަށާއި، އެއީ ބައިނަލްއަޤުވާމީ އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުން ވެސް ބޭނުން ކުރަމުންދާ ތަނެއް ކަމުގައެވެ.

"ވައިގެ ބަނދަރުގެ ޚިދުމަތްތަކަށް ބުރޫ އަރައިފި ނަމަ، އިންސާނިއްޔަތަށް ޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ. ޢާންމުންނަށް ޚިދުމަތް ދިނުމަށް ބޭނުން ކުރާ ޢުމްރާނީ ވަސީލަތްތަކަށް ޙަމަލާ ދިނުން ދެ ފަރާތުން ވެސް ހުއްޓައިލަން ޖެހޭ. އަޅުގަނޑުމެންނަކީ ޢާންމު ރައްޔިތުން ކަން [ޔަހޫދީ ފައުޖަށް] ކަށަވަރު ކޮށްދޭކަން ނުޖެހޭ. ޙަމަލާ ދެނީ އަސްކަރީ މަރުކަޒުތަކަށް ކަން ކަށަވަރު ކުރަން ޖެހޭނީ އެ މީހުން [ޔަހޫދީން]. 2016ވަނަ އަހަރަށް ފަހު އަސްކަރިއްޔާއިން ޞަންޢާގެ ވައިގެ ބަނދަރު ބޭނުން ކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމުގައި އދން ބުންޏެވެ. މި ގޮތުން، އިންސާނީ އެހީތެރިކަމަށް ޖެހިފައިވާ މީހުންގެ އަދަދު 18 މިލިޔަނަށް އަރާ ކަމަށް އދގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. ހަރްނީސް ވިދާޅުވީ އަންނަ އަހަރު އެ އަދަދު 19 މިލިޔަނަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. އަދި، އެ ޤައުމުގެ އިޤުތިޞާދީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގައެވެ.

ޞަންޢާގެ އިތުރުން ޔަމަންގެ ބަނދަރުމަތީ ރަށް، އަލް-ޙުދަޔިދާއަށް ވެސް ޔަހޫދީ ފައުޖުން ދަނީ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ހަރްނީސް ވިދާޅުވީ، ޙުދަޔިދާ ބަނދަރަކީ ޔަމަންގައި ހާލުގައި މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ސާމާނު ފޯރުކޮށްދިނުމަށް ބޭނުން ކުރާ މުހިންމު ވަަސީލަތެއް ކަމުގައެވެ. އަދި، ޔަމަންގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ %80 އެތެރެ ކުރަނީ އެ މަގުން ކަމުގައެެވެ.