ޚަބަރު

ވަޑާން ޙުސެއިން ނިޔާވެއްޖެ


ދައުލަތުގެ މީޑިއާގެ މުވައްޒަފެއްކަމުގައި ނުވިނަމަވެސް، ޓީ.ވީ.އެމްއަށާއި، ދިވެހި ރާއްޖޭގެ އަޑަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ދިގު މުއްދަތަކަށް ކޮށްދެއްވި ހ. ފެހިބިން، ޙުސެއިން އިބްރާހީމް ނިޔާވެއްޖެއެވެ. 

ޙުސެއިން އިބްރާހީމް ނިޔާވީ، އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހުއްޓާ، މިރޭގެ ވަގުތެއްގައިކަމަށް އޭނާގެ ޢާއިލާއިން މައުލޫމާތުދެއެވެ. img:http://s2.psmnews.mv/images/660x400/14669740867587.jpg|މަރްޙޫމް ޙުސެއިން އިބްރާހީމް

ހ. ފެހިބިން އުމުރުން 60 އަހަރުގެ ޙުސެއިން އިބްރާހީމްއަކީ ވަޑާންކުރުމުގެ ދާއިރާއިން ވަރަށްވެސް ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ. ގިނަ މީހުން އޭނާ ދަންނަނީ "ވަޑާން ޙުސެއިން" މިނަމުންނެވެ. ދައުލަތުގެ މީޑިއާގެ މުވައްޒަފެއްކަމުގައި ނުވިނަމަވެސް، ދިވެހި ރާއްޖޭގެ އަޑާއި، ޓީ.ވީ.އެމްގެ ގިނަ ޕްރޮގްރާމްތަކެއްގެ ސެޓް ހެދުމުގައި ޙުސެއިން އިބްރާހީމްގެ ޙިއްޞާ ވަރަށްވެސް ބޮޑެވެ. ކުރުގޮތަކަށް ދަންނަވާނަމަ، އޭނާގެ އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މި މަސައްކަތުގައޭ ދެންނެވުން ދޮގަކަށްނުވާނެއެވެ. img:http://s4.psmnews.mv/images/660x400/14669742247666.jpg|މަރްޙޫމް ޙުސެއިން އިބްރާހީމް (ވ) - ފޮޓޯ: ޕީއެސްއެމް ނިއުސް

ޙުސެއިން އިބްރާހީމް ވަނީ ގާތްގަނޑަކަށް 30 އަހަރު ވަންދެން ދިވެހި ރާއްޖޭގެ އަޑާއި، ޓީ.ވީ.އެމްގެ ވަޑާމުގެ ގިނަ މަސައްކަތްތަކެއްގައި ބައިވެރިވެ، ގިނަ ބައެއްގެ ލޯތްބާއި، އިޙްތިރާމް ހޯދާފައެވެ. އެގޮތުން ޓީ.ވީ.އެމުން ގެނެސްދިން އާދައިގެ ޕްރޮގްރާމްތަކާއި، ޝޯވތަކުން ފެށިގެން، ބޮޑެތި މުބާރާތްތަކަށްވެސް ޙުސެއިން އިބްރާހީމް ވަނީ ސެޓް ފަރުމާކޮށްދީފައެވެ. އޭގެ ތެރޭގައި "ސްކޫލް ކުދިންގެ ލަވަ މުބާރާތް"، "ހޭޔަންބޯ"، "ފިލްމީ އުދަރެސް" އަދި "އެހަނދާނުގައި" ފަދަ އާއްމުންގެ މެދުގައި މަޤްބޫލުވެގެން ދިޔަ ޝޯވތައްވެސް ހިމެނެއެވެ.

ޙުސެއިން އިބްރާހީމް ފާހަގަކުރެވިފައި ވަނީ ވަރަށްވެސް ފަރުވާތެރިކަމާއި، ހީވާގިކަމާއި، މުރާލިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަގަށްވުރެ ބޮޑަށް، އޭނާ ކުރާ މަސައްކަތުގެ ހުނަވެރިކަމާއި، ފަންނުވެރިކަން އެއް ހަމައެއްގައި ދަމަހައްޓަން މަސައްކަތް ކުރައްވާ ބޭފުޅެއްގެގޮތުގައެވެ. ދިވެހި ރާއްޖޭގެ އަޑާއި، ޓީ.ވީ.އެމްއަށް މަސައްކަތް ކޮށްދިނުމުގެ އިތުރުވެސް، ޙުސެއިން އިބްރާހީމް ވަނީ ޤައުމީ ފެންވަރުގައި ބޭއްވި އެކި ކަހަލަ މުބާރާތްތަކާއި، މައުރަޒުތަކުގައި ބައިވެރިވެ، ފާހަގަކޮށްލެވޭ ފަދަ ވަނަތަކެއް ޙާޞިލްކުރައްވާފައެވެ. img:http://s4.psmnews.mv/images/660x400/14669741216418.jpg|މަރްޙޫމް ޙުސެއިން އިބްރާހީމް

ޙުސެއިން އިބްރާހީމް ޓީ.ވީ.އެމްއަށާއި، ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގު ޕީ.އެސް.އެމުން ބަލައިގަންނަނީ އުފަލާއެކުއެވެ. އަދި އޭނާއަކީ ޕީ.އެސް.އެމްގެ ޗެނަލްތަކަށް އަގުހުރި މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ޕީ.އެސް.އެމްގެ އެންމެ ޓޮޕް މެނޭޖްމަންޓުންވެސް ފާހަގަކުރެއެވެ. މަރްޙޫމް ޙުސެއިން އިބްރާހީމް ނިޔާވުމާއި ގުޅިގެން، އޭނާގެ ޢާއިލާއަށް ޕީ.އެސް.އެމްގެ ފަރާތުން ވަނީ ތައުޒިޔާކިޔާފައެވެ.