ޚަބަރު

އަޒަރުބައިޖާނުގެ މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ދިން ޙަމަލާއަކުން


މިދިޔަ ބުދަ ދުވަހު ވެއްޓުނު އަޒަރުބައިޖާން އެއަރލައިންސްގެ މަތިންދާބޯޓު ޖޭ2-8243 ވެއްޓުނީ ރަޝިޔާގެ ވަައިގެ ދިފާޢީ ނިޒާމުގެ ސަބަބުން ކަމަށް އެ ހާދިޘާއާ ގުޅޭ ގޮތުން އަޒަރުބައިޖާނުން ކުރަމުންދާ ތަހުޤީޤުގެ އިބްތިދާއީ ހޯދުންތަކުން ދައްކައިފިއެވެ

70އަށް ވުރެ ގިނަ މީހުންނާއެކު އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓު ދަތުރު ކުރަމުން ދިޔައީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއިން ރަޝިޔާގެ ގްރޮޒްނީއަށެވެ. ނަމަވެސް މަންޒިލާ ހަމައަށް ވާޞިލް ނުވެވި އެމްބްރެއަރ-190 މަރުކާގެ އެ މަތިންދާބޯޓު ވަނީ ކަޒަކިސްތާނުގެ އަކްތައު ސިޓީ ކައިރިއަށް ވެއްޓިފައެެވެ. ޖުމްލަ 67 ފަސިންޖަރުންނާއި ފަސް ފަޅުވެރިންނާއެކު ދަތުރުކުރި މަތިންދާބޯޓުގައި ތިބި 38 މީހުން އެ ހާދިޡާގައި މަރުވިއެވެ.

މަތިންދާބޯޓު ވެެއްޓުނު ހާދިޘާގެ ތަހުޤީޤާ ބެހޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ބުނީ ތަހުޤީޤަށް ފާހަގަވެފައިވާ ގޮތުގައި މަތިންދާބޯޓު ވަނީ ރަޝިޔާގެ ޕެންޓްސަރ-އެސް ވައިގެ ދިފާޢީ ނިޒާމުގެ އަމާޒަކަށް ވެފައެވެ. ގްރޮޒްނީއަށް ދަތުރުކުރަމުން ދިޔަ ވަގުތު ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ބޯޓުގެ ހުރިހާ މުވާސަލާތީ ގުޅުމެއް ކަނޑާލި ކަމަށް އޭނާ ބުނެއެވެ. އެއީ ރަޝިޔާއިން ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ނުބެލެވުނަސް ލިބެން ހުރި މައުލޫމާތަކުން މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުގެ ސަބަބުން ކަމަށް ރަޝިޔާއިން އިއުތިރާފު ވާން ޖެހޭ ކަމަށް އޭނާ ބުނެއެވެ.

“އެއީ ގަސްދުގައި ކުރި ކަމެއް ކަމަށް އެއްވެސް މީހަކު ދައުވާއެއް ނުކުރޭ. ނަމަވެސް ޤާއިމް ކުރެވިފައިވާ ހަގީގަތްތަކަށް ބިނާކޮށް ބޯޓު ވައްޓައިލީ ރަޝިޔާއިން ކަމަށް އެ ޤައުމުން އިއުތިރާފް ވާން ޖެހޭ ކަމަށް އަޒަރުބައިޖާނުން ޤަބޫލު ކުރޭ,” އޭނާ ބުންޏެވެ.

ކަޒަކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ޤަނަތު ބޮޒިމްބޭވް ވިދާޅުވީ އަޒަރުބައިޖާނުގެ މަތިންދާބޯޓު ވައްޓައިލީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ދިން ޙަމަލާއަކުން ކަން ނުވަތަ ނޫން ކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ. މަތިންދާބޯޓު ވެއްޓުނު ސަރަޙައްދަށް ނިޞްބަތްވާ ކަޒަކިސްތާނުގެ ދަތުރުފަތުރާ ބެހޭ ޕްރޮސެކިއުޓަރު ވިދާޅުވީ އެ ޤައުމުގެ ތަހުޤީޤުން ކަން ހިންގައި ދިޔަ ގޮތާ ގުޅޭ ސީދާ ނިންމުމަކާ ހަމައަށް އާދެވިފައި ނުވާ ކަމަށެވެ.

އަޒަރުބައިޖާނުގެ މަތިންދާބޯޓު ވެއްޓުމާ ގުޅޭގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާގެ ބަހެއް ލިބިފައެއް ނުވެއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ ހާދިޘާ ތަހުޤީޤު ކުރަމުންދާ ކަމަށާއި ތަހުޤީޤު ނިމުމުގެ ކުރިން ވަކި އެއްޗެއް ބުނުން ރަނގަޅު ނޫން ކަމަށެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިޘާގެ ފޮޓޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގެ ފަހަތު ކޮޅަށް ތޫނު އެއްޗަކުން ވަނީ ގެއްލުން ލިބިފައެވެ. މަދަނީ ދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ކުންފުންޏެއް ކަމަށް ވާ އޮސްޕްރޭ ފްލައިޓު ސޮލިއުޝަނުން އަޒަރުބައިޖާން އެއާލައިންސަށް ފޮނުވި މެސެޖެއްގައި ބުނީ ވެއްޓިފައިވާ ބޯޓު ދައްކުވައިދޭ މަންޒަރުތަކާއި ރަޝިޔާގެ ހުޅަނގު ދެކުނުގެ ވައިގެ ސަރަޙައްދުގެ މައުލޫމާތު ބެލި ބެލުމުން މަތިންދާބޯޓަށް ވައިގެ އަސްކަރީ އުޅަނދުތަކާ ދެކޮޅަށް ދޭ ކަހަލަ ޙަމަލާއެއް އަރާފައިވާ ކަމަށް ބެލެވޭ ކަމަށެެވެ.

2022ވަނަ އަހަރުން ފެށިގެން ކުރަމުންދާ ރަޝިޔާއާއި ޔޫކްރޭނު ހަނގުރާމަގައި ޔޫކްރޭނުން ރަޝިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް އަމާޒު ކޮށްގެން އަސްކަރީ ޑްރޯން ޙަމަލާތައް ދެމުން ދާތާ ގިނަ ހަފުތާތަކެއް ވެއްޖެއެވެ. އެ ޙަމަލާތަކުން ސަލާމަތްވުމަށް ރަޝިޔާއިން މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ވައިގެ ދިފާޢީ ނިޒާމުތަކެވެ. އަޒަރުބައިޖާންގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިޘާގެ ކުރިން ހަމަ އެ ދުވަހު ޔޫކްރޭނުގެ 59 ޑްރޯން ރަޝިޔާގެ އެކި ސަރަޙައްދުތަކުން ވައްޓާލައިފައިވާ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ވަނީ އިޢުލާނު ކޮށްފައެވެ.

މަތިންދާބޯޓު ދަތުރުކުރާ މަގު ބަލައި އޭޑީއެސް-ބީން ޢާންމުކޮށް ލިބެން ހުރި މައުލޫމާތުން އަޒަރުބައިޖާނުގެ މަތިންދާބޯޓު ރަޝިޔާގެ ދެކުނުގެ ސަރަޙައްދުގެ މަތިން ދަތުރު ކުރަމުން ދިޔަ ވަގުތު ޖޭމަރެއް ބޭނުން ކޮށްގެން މަތިންދާބޯޓުގެ ޖީޕީއެސް ނިޒާމު ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވާ ކަން އެނގެއެވެ. ޔޫކްރޭނުގެ ޑްރޯންތައް އުޅޭ ހިސާބު އޮޅުވައިލުމަށް ޢާންމުކޮށް މި ފަދަ ޖޭމަރުތައް ރަޝިޔާއިން ބޭނުންކޮށް އެ ޑްރޯންތަކުން ރައްކާތެރި ވުމަށް ގިނަ ޢަދަދެއްގެ ވައިގެ ދިފާޢީ ނިޒާމުތައް ވެސް ބޭނުން ކުރެއެވެ.