ޚަބަރު

ފަހަތުން އަރައި ލެސްޓާ ބަލިކޮށް ލިވަޕޫލަށް ހަތް ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށް، ތާވަލުގެ ކުރީގައި ލިވަޕޫލުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 17 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ޗެލްސީ ރޭ ފުލަމް އަތުން ބަލިވެ އެ ޓީމަށް 18 ޕޮއިންޓުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ޖޯޑަން އަޔޫ ވަނީ ލެސްޓަރ ސިޓީ އަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް ވަނީ އިތުރު ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މި މެޗުގައި ލިވަޕޫލް އަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

ލިވަޕޫލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ސަލާ އެވެ.