އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ވުލްވްސް އިން ކާމިޔާބުކޮށްފިއެވެ.
މި މެޗުން ވުލްވްސް މޮޅުވުމާއެކު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 18 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައަށް އަރާފަ އެވެ. ރެލިގޭޝަނުގެ ބިރު ހީވެފައިވާ ވުލްވްސް އަށް މިއީ ވަރަށް މުހިންމު މޮޅުކެވެ. އަނެއްކޮޅުން މެންޗެސްޓަރ ޔުނައިޓެޑް މި މެޗުން ބަލިވުމާއެކު އެ ޓީމު ވަނީ ތާވަލުގެ 14 ވަނައަށް ވެއްޓިފަ އެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.
ޕޯޗުގީޒަށް އުފަން ދެ ކޯޗުންގެ ކުރިމަތިލުމުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ރެފްރީ ވަނީ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުން ވުލްވްސް ޖެހި ފުރަތަމަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެތިއަސް ކޫނިއާ އެވެ. މި ލަނޑަކީ އޭނާ އެ ޓީމަށް ލިބުނު ކޯނަރަކުން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ދެވަނަ ހާފުގެ ގިނަ ވަގުތު އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ޔުނައިޓެޑް ކޮޅަށް ވުލްވްސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދީފައިވަނީ ހްވެންޑް ހީ-ޗެން އެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އެރިކް ޓެންހާގް ވަކި ކުރުމަށްފަހު ޔުނައިޓެޑްގެ ކޯޗު ކަމަށް ގެނައި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް މިހާތަނަށް ލީގުގައި ކުޅެފައިވާ ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ނަމަވެސް ވުލްވްސްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ޕެރޭރާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
މިއީ 2019 ވަނަ އަހަރަށް ފަހު ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ވުލްވްސް އަތުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.