ޚަބަރު

ޞުލްޙައިގެ އެއްބަސްވުން އެކުލަވައިލަން ޔަހޫދީން ހުރަސް އަޅަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެކުލަވައިލަން މަސައްކަތް ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.

ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 45,000އަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ، ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ފަށާފައިވާ ޢުދުވާނެކެވެ. ޙަމާސްގެ މުޖާހިދުން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ، އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެންނެވެ.

ޔަހޫދީންގެ ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރާއި ރެފިއުޖީ ކޭމްޕުތަކަށެވެ. ހަސްފަތާލުތަކާއި މަދަރުސާތަކާއި މިސްކިތްތަކަށެވެ. އަދި، ޢުމްރާނީ ވަސީލަތްތަކަށެވެ. ޢުދުވާނުގެ ދަށުން ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާއިރު، ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިކޮށްލާފައެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި، ޔަހޫދީން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ހައިހޫނުގައި ޖައްސާފައެވެ.

އެއްބަސްވުމަށް ހުރަސް އަޅަނީ ޔަހޫދީން

ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން މަސައްކަތް ކުރަމުން ދަނީ ޤަޠަރާއި މިޞްރުން މެދުވެރިންގެ ގޮތުގައި އިސްނަގައިގެންނެވެ. އެ ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ދަނީ ނަމެއްގައި ބައިވެރިވަމުންނެވެ. މެދުވެރިން ބޭނުންކޮށް، ދެ ފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިފައިވާ ކަން ދާދި ފަހުން އިޢުލާނު ކޮށްފައިވެއެވެ.

ނަމަވެސް، ޙަމާސް ޖަމާޢަތުން ބުނީ ސުލްޙައިގެ އެއްބަސްވުން އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކަށް ޒަޔަނިސްޓު ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގައެވެ. މި ގޮތުން، އެއްބަސްވުމަށް އިތުރު ޝަރުޠުތަކެއް ހުށަހަޅައި، އެއްބަސްވުމުގެ ދެލިކޮޕީއަށް އުނިއިތުރު ގެނައުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުންދާ ކަން ޙަމާސުން ހާމަކުރިއެވެ.

"[ޣައްޒާގައި ތިބި ޔަހޫދީ ސިފައިން އެ ސަހަރުން] ބޭލުމާއި، ހައްޔަރުގައި ތިބި މީހުން މިނިވަން ކުރުމާއި، ގެދޮރު ނެތިކޮށްލާފައިވާ މީހުން ވަޒަނަށް އެނބުރި ދިޔުމުގެ ފުރުޞަތު ދިނުމާ ދެކޮޅަށް [އިސްރާއީލުގެ] އިސްތިޢުމާރީ ބާރުން ދަނީ އިތުރު ޝަރުޠުތަކެއް ހުށަހަޅަމުން، އެއްބަސްވުމެއް އެކުލަވައިލަން ހުރަސް އެޅިފައި ވަނީ އެ ސަބަބުތަކާ ގުޅިގެން،" ޙަމާސް ޖަމާާޢަތުން ބުންޏެވެ. އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކަށް ޙަމާސުން ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަން ވެސް އެ ޖަމާޢަތުން ފާހަގަކުރިއެވެ.

އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުން

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރަން ޤަޠަރާއި މިޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމަށް މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ، ޣައްޒާގެ ރަށްތަކަށް އަރައިގަނެފައިވާ ނިރުބަވެރި ޔަހޫދީ ސިފައިން އެ ރަށްތަކުން ބޭލުމެވެ. އިސްރާއީލުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒު ބުނީ، ޣައްޒާގެ އުތުރާއި ދެކުނުގައި ތިބި ޔަހޫދީ ސިފައިން އެ ސަރަޙައްދުން ބާލަން އެއްބަސްނުވާނެ ކަމުގައެވެ.

ނަމަވެސް، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ފޭބުމަކީ ޙަމާސްގެ މައިގަނޑު ޝަރުޠެކެވެ. އެ ކަމަށް މިޞްރުން ވެސް ދަނީ ވަކާލާތު ކުރަމުންނެވެ. އަދި، ޔަހޫދީ ފައުޖުން އަތްގަދަ ކޮށްފައިވާ ރަފަޙް ސަރަޙައްދީ ހުރަސް، ފަލަސްޠީނުގެ ރައްޔިތުންގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ވެސް މިޞްރުން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް، އަނިޔާވެރި ނަތަންޔާހޫ ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.

ޣައްޒާ ޢުދުވާނުގެ ދަށުން މި ވަގުތު އެންމެ ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުން ދަނީ އެ ސަހަރުގެ އުތުރުގައިވާ ރަށްތަކުގައެވެ. އޭގެ ތެރޭގައި ބަޔިތު ލާހިޔާއާއި، ބަޔިތު ޙާނޫންގެ އިތުރުން ޖަބާލިޔާ ރެފިއުޖީ ކޭމްޕު އޮންނަ ސަރަޙައްދުތައް ހިމެނެއެވެ. ޔަހޫދީންގެ އަމާޒަކީ، އެ ސަރަޙައްދުތައް ހުސްކޮށް، އެ ސަރަޙައްދުތަކަށް އަތްގަދަ ކުރުމެވެ. މިއީ، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމެރިކާއިން ވެސް ޤަބޫލު ކުރެއެވެ.

ޔަހޫދީންގެ ނިރުބަވެރި ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ނެތް

ޔަހޫދީ ފައުޖުން މި ވަގުތު ވެސް ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ނުރައްކާތެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 24އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި މައުސޫމު ކުޑަކުދިންނެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީގެ ޝައިޚް ރިޟްވާން އަވަށުގައި ހުރި މަދަރުސާއަކަށެވެ. އެއީ، ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތެކެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ އަލް-ފުރްޤާން އަވަށާއި ޣައްޒާގެ ދެކުނުގައި އޮތް އަލް-މަވާޞީއަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވީ ނަމަވެސް، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދުތައް ސާފެއް ނޫނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,361އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,803 މީހުން ޒަޚަމު ކޮށްލާފައެވެ.