ޚަބަރު

އަވަހަށް ހަލާކުވާމުދާ ކްލިއަރކުރުމުގެ ޚިދުމަތްތައް އެއްފުރާޅަކަށް


ރާއްޖެއެތެރެކުރާ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ބާވަތްތަކުގެ މުދާ ކްލިއަރ ކުރުމުގެ ހުރިހާ ޚިދުމަތެއް އެއްފުރާޅެއްގެ ދަށުން ދިނުމުގެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިއަދުން ފެށިގެން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބަލާ ފާސްކުރުމަށް، ގުޑްސް ޑިކްލަރޭޝަން ބަލައިގަތުމާއި ދޫކުރުމުގެ އިންތިޒާމް އެމްޕީއެލްގެ ތަރުކާރީ ގުދަނުގެ ތެރޭގައި ހުންނަ ކަސްޓަމްސް އޭރިޔާގައި ހަމަޖައްސަވާފައިވާ ކަމަށެވެ. މި އިންތިޒާމް ހަމަޖެއްސުމާއި އެކު، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ ހުރިހާ ޙިދުމަތެއް އެއްތަނަކުން ލިބިގެން ދާނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިފައިވާނެކަމަށެވެ. އަދި ކްލިއަރ ކުރުމުގެ މަސައްކަތަށް އިތުރު އަވަސްކަމެއް ލިބިގެން ދާނެކަމަށް ކަސްޓަމްސް އިން ހާމަކުރައްވައެވެ. img:http://s1.psmnews.mv/images/660x400/14669576854394.jpg|ކަސްޓަމްސް އޮފިސަރަކު މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި - ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރާ މުދާ ލުއިފަސޭހަކޮށް އަވަހަށް ދޫކުރުމަށްޓަކައި އެމްޕީއެލް އާއި ގުޅިގެން ހަރުދަނާ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ. މީގެ ކުރިންވެސް އެމްޕީއެލުން ވަނީ ރޯދަމަހަށް ހާއްސަކޮށްގެން ރާއްޖެ ގެންނަ ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ކްލިއަރކުރުމުގެ ޚިދުމަތް އަވަސްކޮށްދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މީގެކުރިން ދެ ދުވަސް ނުވަތަ ތިން ދުވަހުގެތެރޭ ކްލިއަރކޮށްދެވޭ މުދާ 8 ވަރަކަށް ގަޑިއިރު ތެރޭ ކްލިއަރކުރެވޭނެ އިންތިޒާމް އެމްޕީއެލުން ހަމަޖައްސާފައިވެއެވެ.