ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކޮށް އަންނަ ޖެނުއަރީ މަހަށް ނިންމުމަށް މާލީ ވުޒާރާއިން އަންގަވައިފިއެވެ. މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅިގެން ނެރުއްވި ސާކިއުލާއެއްގައެވެ.
ދައުލަތުގެ އޮފީސްތަކަށް އަންނަ އަހަރު ބޭނުންވާ މުދަލާއި ޚިދުމަތްތައް ހިމެނޭ ޕްރޮކިއުމެންޓް ޕްލޭން އާންމުކޮށް ފެންނާނެހެން ޝާޢިއުކުރަނީ މަލީއްޔަތާއި ބެހޭ ޤަވާއިދުގެ ދަށުންނެވެ. އެގޮތުން މާލީއްޔަތު ޤަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި ވަކި ކަމަކަށް ބޭނުންކުރާ ޚާއްޞަ ތަކެތި ގަތުމަށާއި، މަސައްކަތް ކުރުވުމަށާއި، ޚިދުމަތް ހޯދުމުގައި މަރުކަޒީ އުސޫލުން މުޅި ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ ޚިދުމަތް ހޯދުމަށާއި މަސައްކަތްތައް ކުރުމުގެ ކަންކަން ހިންގާނެ ގޮތް ހަމަޖެއްސުމުގެ ބާރު މާލީ ވުޒާރާއަށް ލިބެއެވެ.
މިކަމާއި ގުޅޭގޮތުން މާލީ ވުޒާރާއިން ނެރެފައިވާ ސާކިއުލާގައި، މާލީއްޔަތު ޤަވާއިދުގެ ދަށުން އޮފީސްތަކުން ތައްޔާރުކުރަން ޖެހޭ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކުރުމަށް ދައުލަތުގެ އޮފީސްތަކަށް ވަނީ އަންގަވާފައެވެ. އެގޮތުން މި ޕްލޭން ތައްޔާރުކުރަން ޖެހެނީ ބަންޑޭރި ޕޯޓަލްގެ ޕްރޮކިއުމެންޓް މޮޑިއުލް މެދުވެރިކޮށެވެ.
އޮފީސްތަކުގެ ޕްރޮކިއުމެންޓް ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މާލީ ވުޒާރާއިން ވަނީ އަންގާފައެވެ. މީގެއިތުރުން ކައުންސިލްތަކުގެ ޕްރޮކިއުމެންޓް ޕްލޭންތައް ނިންމަން ޖެހޭ ފަހު ތާރީޙަކީ 26 ޖެނުއަރީ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މާލީ ވުޒާރާއިން ޕްލޭންތައް ތައްޔާރު ކުރުމަށް އަންގަވާފައިވާއިރު، މި ޕްލޭންތައް މި އަހަރުވެސް މާލީ ވުޒާރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައިވެސް މި ޕްލޭންތައް އާންމުކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަންނަ އަހަރުގެ ޕްލޭންތައް މިއަހަރުގެ ފެބްރުއަރީ ނުވަތަ މާރިޗު މަހު ޝާޢިއުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމެންޓް ޕްލޭންތައް ހާމަކަން ބޮޑުގޮތެއްގައި ފެންނަގޮތަށް ޝާޢިއުކުރަން ފަށާފައިވާއިރު، އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
މި ނިޒާމު ގާއިމްކުރުމުގެ މަޤުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓް ހަރަކާތްތައް ދެފުށް ފެންނަ، ހަރުދަނާ އަދި ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތައް ޒަމާނީކޮށް ކުރިއަށްގެންދިއުމަށްކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާލީ ވުޒާރާއިން ސިފަކުރައްވައެވެ.