ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު މުޅި ރާއްޖެގައި ސުކޫތެއް ގެނެސްފިއެވެ.
މި ސުކޫތު ގެނެސްފައިވަނީ ސުނާމީގެ ރާޅު 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރިކަމަށް ރިކޯޑުކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައެވެ.
ވެރި ރަށް މާލޭގައި ސުކޫތު ރަސްމީކޮށް ބާއްވާފައިވަނީ ކުރީގެ ހުރަވީ ބިލްޑިންހުރި ބިމުގައެވެ. މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި އެ ސަރަހައްދުގައި ހުންނަ ސަރުކާރު ހުރިހާ އޮފީހެއްގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މާލޭގައި ހިންގާ އެކި އޮފީސްތަކުގެ މުވައްޒަފުންވެސް ވަނީ މި ސުކޫތުގައި ބައިވެރިވެފައެވެ. އަދި ރަށްރަށުގެ ރައްޔިތުންވެސް މި ސްކޫތުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
މި ސްކޫތު ނިންމުމަށްފަހު މުޅި ރާއްޖޭގައި އެއްބައިވަންތަކަމުގެ އަތު ގުޅާލުމެއްވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.
ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.
މިފަދަ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ސުނާމީގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާންތައް އައު ކުރުމުގެ އިތުރުން، ދިވެހިން އެދުވަހު ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމެވެ.