ޚަބަރު

އަތޮޅުތަކުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަން މަޝްވަރާކުރާނަން: ވަޒީރު އާދަމް ޝަރީފް


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޒުވާނުންނަށް ފުރުސަތު ލިބޭ ގޮތަކަށް ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް އަދި އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ނިމިގެންދިޔަ ނައިންޓީ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ފުޓްބޯޅައަކީ ހަގީގަތުގައި ދިވެހި ގައުމު އެއްބައިވަންތަ ކުރުމަށް އޮތް އެންމެ ރަނގަޅު އެއްކަންތައް ކަމަށެވެ. އެގޮތުން ފައިނަލް މެޗުން ފެނިގެންދިޔައީ އެއް ފޯރީގައި، އެއް ޖޯޝެއްގައި އެންމެން އެކަތި ގަނޑަކަށް ވެގެންދިޔަތަން ކަމަށާއި، އެންމެ އުފާވީ މެޗު ނިމިގެން ދިޔައިރުވެސް ދެ ޓީމުން ވަރަށް އެކުވެރި ގާތް ގުޅުމެއް ފެނިގެންދިޔުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށްޓަކައި, ގައުމަށްޓަކައި ވީހާވެސް ބޮޑަކަށް ފުޓްބޯޅަ ކުރިއެރުވުމާއި، ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މުބާރާތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ފުޓްބޯޅައަކީ ގައުމީ އެއްބައިވަންތަކަމަށް ދިރުން ގެނެސްދޭ ކުޅިވަރެއް ކަމަށާއި، ކުރިއަށްއޮތްތަނުގައި މުޅި ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ހުރިހާ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާ މަޝްވަރާކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އެފަދަ މުބާރާތްތައް ބޭއްވުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއާ މަޝްވަރާ ކުރައްވައި، ދެ ވުޒާރާ ގުޅިގެން އަތޮޅުތަކުގައި މުބާރާތްތައް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ނިމުނު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ 2015 އަހަރު ބޭއްވި މިނިވަން ޗެންޕިއަންޝިޕަށްފަހު ރާއްޖޭގެ ރަށްތައް ބައިވެރިވާ ގޮތަށް ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބާއްވާފައިވަނީ ފުޓްބޯޅައަށް ދިވެހިން މެދުގައި އޮތް ފޯރި ފަނޑުވަމުންދާތީ، އަލުން އެ އިއާދަކުރުމުގެ ބޭނުމުގައިކަމަށް މުބާރަތް އިންތިޒާމުކުރި ނައިންޓީ ޕްލަސްއިން މައުލޫމާތުދެއެވެ.

މި ފަހަރުގެ މުބާރާތުގައި 17 ޓީމެއް ވާދަކުރިއިރު، ގިނަ ބައެއްގެ ތަރުހީބު ވަނީ މުބާރަތަށް ލިބިގެން ގޮސްފައެވެ. މި މުބާރާތުގެ ޗެންޕިއަންކަން ބ. އޭދަފުށިން ހޯދާފައިވަނީ ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން އައްޑޫ ސިޓީ ބަލިކުރުމަށްފަހުއެވެ.