ޚަބަރު

ޔަހޫދީ ސިފައިން ހުޅަނގު އައްސޭރިއަށް އަރައި އަށް މީހުން ޝަހީދުކޮށްލައިފި


ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޖަރީމާތަކެއް ހިންގައި، އަށް މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ރޭޑު ޖަހާފައި ވަނީ ހުޅަނގު އައްސޭރީގެ ޠުލްކަރްމު ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕަކަށެވެ. އެ ސަރަޙައްދަށް ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ އެކަކަކީ 53 އަހަރުގެ އަންހެނެއް ކަމުގައިވާ ޚަވްލާ ޢަބްދީއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ، އޭނާ ދިރިއުޅޭ ގެއަށް އަމާޒުކޮށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައެވެ. ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 18 އަހަރުގެ ފަތުޙީ ސަޢީދު ޢޫދާ ސާލިމް ވެސް ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ބަޑީގެ ޙަމަލާތަކެއްގައި ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ޔަހޫދީންގެ ޢުދުވާނުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި އިތުރު އަންހެނެއް ވެސް ހިމެނެއެވެ.

ޔަހޫދީ ފައުޖުން ޠުލްކަރްމަށް އަރާފައި ވަނީ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކުގައެވެ. އަދި، އެ ސަރަޙައްދުގައި އޮންނަ ރެފިއުޖީ ކޭމްޕުގައި ހުރި ޢާންމުން ދިރިއުޅޭ ގެދޮރަށް ޓޭންކުފަހަރު ބޭނުން ކޮށްގެން ރަޙުމު ކުޑަ ޙަަމަލާތަކެއް ދީފައިވެއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި، ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސްގެ އަލް-ޤައްސާމް ލަޝްކަރަށް ނިސްބަތްވާ ދެ މުޖާހިދުން ޝަހީދު ކޮށްލާފައިވާ ކަން އެ ޖަމާޢަތުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޠުލްކަރްމު ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕަށް ރޭޑު ޖަހައި ޔަހޫދީ ފައުޖުން ވަނީ 18އަށްވުރެ ގިނަ މީހުން ހައްޔަރަށް ގެންގޮސްފައެވެ. ޔަހޫދީ ފައުޖުން ޠުލްކަރްމަށް އެރުމާ އެކު، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުން ވަނީ ނިރުބަވެރި ޔަހޫދީ ސިފައިންނާ ކުރިމަތިލާފައެވެ. އަދި، އެ މީހުންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއްދީ، އިސް ކޮމާންޑަރެއް ޒަޚަމު ކޮށްލާފައެވެ.

ޠުލްކަރްމު ޢުދުވާނަށް ފަހު ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަށް ވެސް ބޮންއަޅާފައެވެ. އެ ޢުދުވާނީ ޙަމަލާތަަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ. ފަލަސްޠީނުގެ ވަފާ ނޫސް އޭޖެންސީން ބުނީ، ޠުލްކަރްމާއި ނޫރް ޝަމްސަށް ދިން ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކަށް ދަތުރު ކުރަން މަސައްކަތް ކުރި އެމްބިޔުލާންސްތަކާއި ޞިއްޙީ ޚިދުމަތްތެރިން ހުއްޓުވާފައިވާ ކަމުގައެވެ.

ޠުލްކަރްމަށް އަރައި ހިންގި ޢުދުވާންތަކުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ދީފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބުނީ، ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ޢާންމުން ދިރިއުޅޭ ގެދޮރާއި، ފިހާރަތަކުގެ އިތުރުން އަލް-ސަލާމް މިސްކިތަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ސަރަޙައްދުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ބޭނުން ކުރާ ފެނުގެ ނިޒާމަށް ވެސް ގެއްލުން ދީފައިވާ ކަމުގައެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ލާއިންސާނީ ޢުދުވާނެއް ފެށުމަށް ފަހު ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގުން ވެސް ވަނީ އިތުރު ކޮށްފައެވެ. ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޤަތުލުޢާންމުތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 818އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

ޣައްޒާގައި ވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ޤަތުލުޢާންމު ހިންގަމުންނެވެ. ޣައްޒާގެ އެކި ސަރަޙައްދުތަކަށް ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 27އަށް އުފުލިފައެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ބުރަޔިޖު ރެފިއުޖީ ކޭމްޕާއި އުތުރުގައި އޮތް ބަޔިތު ޙާނޫނަށެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,338އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,764 މީހުން ޒަޚަމު ކޮށްލާފައެވެ.