ޚަބަރު

ސޯމާލިޔާގައި ދިން ކާރުބޮމުގެ ޙަމަލާއެއްގައި 11 މީހުން މަރުވެއްޖެ


ސޯމާލިޔާގެ ވެރިރަށް މުޤަދިޝޫގެ ހޮޓަލަކަށް އަމާޒުކޮށް ކާރުބޮމުގެ ދެ ޙަމަލާ ދިނުމާއި ގުޅިގެން އެގާރަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. 

މި ކާރުބޮންތައް ގޮއްވާލާފައިވަނީ މުޤަދިޝޫގެ ކާރުބާރު ބޮޑު ސަރަޙައްދެއް ކަމަށްވާ އެމްކޭ ފޯ ޖަންކްޝަންގެ ކައިރީގައިވާ ނާސާ ހެބްލޮޑް ހޮޓަލުގައެވެ. ކާރުބޮމުގެ ދެބޮން ގޮއްވާލައިގެން ދިން މިޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ސޯމާލިޔާގެ ފުލުހުން ޝައްކުކުރަނީ އެޤައުމުގައި ޙަރަކާތްތެރިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމަށްވާ އައްޝަބާބު ޖަމާޢަތުގެ މައްޗަށެވެ. މިއީ އަލްޤައިދާއާ ގުޅިފައިވާ ހަރުކަށި ހަނގުރާމަވެރި ޖަމާޢަތެކެވެ. ސޯމާލިޔާއަކީ މީގެ ފަންސަވީހަކަށް އަހަރު ކުރިން ފެށިގެން ދާޚިލީ ހަނގުރާމަ ހިނގަމުންދާ ޤައުމެކެވެ. 

ކާރުބޮމުގެ ޙަމަލާތައް އަމާޒުކުރި ނާސާ ހެބްލޮޑް ހޮޓަލަކީ ސޯމާލިޔާގެ ވެރިރަށް މުގަދީޝޫގައިވާ މަތީފެންވަރުގެ މަދު ހޮޓާތަކުގެ ތެރޭގައި ހިމެނޭ ހޮޓަލެކެވެ. މިޙަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އަދި އުފުލާފައެއް ނުވެއެވެ.