ސޫރިޔާގެ ހަނގުރާމަވެރި ޖަމާޢަތްތައް އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ދަަށުން އެެއްކޮށްލައި ވަކިވަކި ޖަމާޢަތްތައް އުވައިލަން އެ ޖަމާޢަތްތަކުގެ ވެރިންނާއި ސޫރިޔާ ހިންގުމާ ޙަވާލުވެ ހުރި އަޙްމަދު އަލް-ޝަރާޢު އެއްބަސްވެފައިވާ ކަމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުން ބުނެފިއެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ޑިސެމްބަރު 8 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ޤައުމު ހިންގުމަށް އިންތިޤާލީ ސަރުކާރެއް ވަނީ އެކުލަވާލައިފައެވެ. އައު ސަރުކާރުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނު ކޮށްފައިވާ މުޙައްމަދު އަލް-ބާޝިރު މިދިޔަ ހަފުތާގައި ބުނީ ދިފާޢީ ވުޒާރާ އަލުން ތަރުތީބުކޮށް އެކުލަވައިލާނެ ކަމަށާއި އެ ގޮތަށް އެ ވުޒާރާ އެކުލުމުގައި ހަނގުރާމަވެރި ޖަމާޢަތްތަކާއި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ލަޝްކަރުން އިދިކޮޅާ ގުޅިފައިވާ އޮފިސަރުން އެ މަސައްކަތުގައި ބައިވެރި ކުރާނެ ކަމަށެވެ.
ޤައުމުގެ ހިންގުމާ ޙަވާލިވެފައިވާ އަސަދުގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސް ދައުރެއް ޢަދާކުރި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އިސްވެރިޔާ އަލް-ޝަރާޢުއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސޫރިޔާގެ އެކިއެކި ހަނގުރާމަވެރި ޖަމާޢަތްތަކުގެ މެދުގައި ހަމަނުޖެހުން އުފެދުނަ ނުދީ ޞުލްޙަވެރިކަމާއެކު މަސައްކަަތްތައް ކުރިއަށް ގެންދިއުމެވެ. ދިފާޢީ ވުޒާރާގެ ދަށަށް އެ ޖަމާޢަތްތައް ގެނެސް އެ މަސައްކަތް ވިލަރެސް ކުރާނީ އިންތިޤާލީ ސަރުކާރުގައި ދިފާޢީ ވަޒީރުގެ ދައުރު އަދާ ކުރާ މުރުހަފް އަބޫ ޤަސްރާއެވެ. އޭނާ އަކީ އަސަދުގެ ވެރިކަން ވައްޓައިލުމުގައި އިސް ދައުރެއް ޢަދާ ކުރި މީހެކެވެ.
ސޫރިޔާއަށް ޒިޔާރަތް ކުރި ހުޅަނގުގެ އިސްވެރިންނާ ވާހަކަ ދައްކަމުން އަލް-ޝަރާޢު ވަނީ އެޗްޓީއެސުން ކުރީގެ ސަރުކާރާ ދެކޮޅަށް ބަދަލު ހިފަން ބޭނުން ނުވާ ކަމަށާއި ސޫރިޔާގައި ދިރިއުޅޭ ބައިމަދު ދީނީ ފިކުރުތަކަށް ދަތި ނުކުރާނެ ކަމަށް ބުނެފައެވެ. ސޫރިޔާގައި ޙަރަކާތްތެރިވާ ބައިމަދު ޖަމާޢަތްތަކުގެ ތެރޭގައި ކުރުދީންނާއި ޝީޢީންގެ ނަޞާރާއިންނާއި ދުރޫޒުން ހިމެނެއެވެ.