ޚަބަރު

ރަށުން ބޭރުގައި ފުރަތަމަ ފަހަރަށް ޑޯޓްމަންޑް މޮޅުވެއްޖެ


ޖަރުމަން ބުންޑެސްލީގާގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ވޮލްފްސްބާރގް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގުގައި ފުރަތަމަ ފަހަރަށް ރަށުން ބޭރުގައި މޮޅުވެއްޖެ އެވެ.

ލީގުގައި މިހާތަނަށް ޑޯޓްމަންޑް އިން 15 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމެވެ ވޮލްފްސްބާރގް އަށް ލިބިފައިވާ 21 ޕޮއިންޓާއެކު އެ ޓީމު އޮތީ 11 ވަނައިގަ އެވެ. އެއްވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

މި މެޗުގައި ޑޯޓްމަންޑް އިން ޖެހި ތިން ލަނޑު ފަސް މިނިޓުގެ ތެރޭގައި ކާމިޔާބުކޮށްފައިވާއިރު ފުރަތަމަ ލަނޑަކީ މެޗުގެ 25 ވަނަ މިނިޓުގައި ޑޮންޔެލް މަލެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި އޭގެ ތިން މިނިޓް ފަހުން މެކްސިމިލިއަން ބެއިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޑޯޓްމަންޑްގެ ތިންވަނަ ލަނޑަކީ މެޗުގެ 30 ވަނަ މިނިޓުގައި ޖޫލިއަން ބްރެންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ދެވަނަ ހާފަށް ނިކުތްއިރު 3-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮތްނަމަވެސް މި ހާފުގައި ވޮލްފްސްބާރގް އިންވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މެޗުގެ 58 ވަނަ މިނިޓުގައި ޑެނިސް ވަވްރޯ ވަނީ ވޮލްފްސްބާރގް އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ މިޑްފީލްޑަރ ޕަސްކަލް ގްރޮސް އަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއެކު މެޗުގެ ބާކީ ބައި ޑޯޓްމަންޑް އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ހަފްތާގެ ކުޅުމަށްފަހު އައު އަހަރަށް ބުންޑެސްލީގާގެ ކުޅުން މެދުކަނޑާލާފައިވާއިރު ދެން ލީގުގެ ކުޅުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.