ޚަބަރު

އަމިއްލަ ދަނޑުގައި ބޯންމަތު އަތުން ޔުނައިޓެޑް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މި މެޗުން ބޯންމަތު މޮޅުވުމާއެކު އެ ޓީމަށް ވަނީ މިހާތަނަށް ލީގުގައި ކުޅުނު 17 މެޗުން 28 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ޔުނައިޓެޑަށް 17 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި ބޯންމަތުގެ ޑީން ހުއިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ބޯންމަތު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮތްއިރު މުޅި މެޗުގައިވެސް އެ ޓީމުންވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

ބޯންމަތުއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖަސްޓިން ކްލައިވަޓް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި އޭގެ ދެ މިނިޓް ފަހުން އެންޓޮއިން ސެމެންޔޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން ބަލިވުމާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ. އަދި އަލަށް ކޯޗު ކަމާއި ހަވާލުވި ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ކުޅުނު ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން ކުރިއަށް އޮތް ޓްރާންސްފަރ ބާޒާރުގައި މާކަސް ރަޝްފޯޑް ވިއްކާލާނެކަމަށް ރިޕޯޓްތައް ބުނެފައިވާއިރު މި މެޗަށް އަމޮރިމް ނެގި ސްކޮޑުންވެސް އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ.