ޚަބަރު

އެވަޓަން އިން ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެއްޖެ އެވެ.

މި މެޗު އެއްވަރުވުމާއެކު ޗެލްސީ އަށް 17 މެޗުން ލިބިފައިވަނީ 35 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 16 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ. އެވަޓަން އަށް ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ. އަދި މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ފޮނުވާލި ނުރައްކާތެރި ހަމަލާ އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ. އަނެއްކޮޅުން ބަލާއިރު އެވަޓަންގެ އޮރެލް މަންގަލާ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޗެލްސީގެ ކީޕަރު ސަންޗޭޒް ވަނީ ދިފާއުކޮށްފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ އެވަޓަން އަކީ ޔޫރަޕްގައި މިވަގުތު އޮތް ޑިފެންސްލައިން އެންމެ ވަރުގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި އެހެންކަމުން އެފަދަ ޓީމަކާއި ދެކޮޅަށް ކުޅޭއިރު ލިބޭ މަދު ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.