ދުނިޔެ

ޔޫކްރެއިނުން ރަޝިޔާއަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފި


ރަޝިޔާގެ ވައިގެ ސަރަޙައްދަށް ޔޫކްރެއިނުން ފޮނުވި 42 ޑްރޯން ވައްޓާލާފައިވާނެެ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

މި ގޮތުން، އޮރިއޯލް ސަރަޙައްދުގެ މަތިން 20 ޑްރޯން، ރޮސްޓޯވް އަދި ބްރައިއަންސްކް ސަރަޙައްދުގައި ޖުމްލަ 16 ޑްރޯން، ކްރޫސްކް ސަރަޙައްދުން ފަސް ޑްރޯން އަދި ކްރަސްނޯޑާ ކްރައިގެ މަތިން ޑްރޯނަކަށް ބަޑަޖަހައި ވައްޓާލާފައިވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އޭގެ ތެރެއިން އެއް ޑްރޯން ޙަމަލާގައި، ސްޓާލްނޯއި ކޮން އަވަށުގެ ތެޔޮ ކާރުޚާނާއެއްގައި އަލިފާން ރޯވި ކަމަށް އޮރިއޯލްގެ ގަވަރުނަރު އަންދްރޭ ކްލިޗްކޯވް ވިދާޅުވިއެވެ.

"ނަސީބަކުން އަވަހަށް ފިޔަވަޅުތައް އެޅުމުގެ ސަބަބުން ޙަމަލާގެ މަޤްޞަދު ޙާސިލެއް ނުވި. ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްކޮށް ނިއްވާލެވުނު. އެއްވެސް މީހަކަށް ވެސް އަދި ތަނަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

މިއީ ޔޫކްރެއިނުން އޮރިއޯލްގެ ތެޔޮ ކާރުޚާނާތަކަށް ޑްރޯން ޙަމަލާތައް އަމާޒުކުރި ދެވަނަ ހަފުތާއެވެ.

ޑްރޯން ޙަމަލާތައް ނާކާމިޔާބު ކޮށްލެވުނު ނަމަވެސް، މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ކްރޫސްކް ސަރަޙައްދުގައި އޮންނަ ރައިލްސްކް އަވަށަށް ޔޫކްރެއިނުން ދިން މިސައިލް ހަމަލާއެއްގައި ހަ މީހަކު މަރުވެފައިވާ ކަމަށް، އެ އަވަށުގެ އެކްޓިން ގަވަރުނަރު އެލެގްޒެންޑަރ ޚިންޝްޓޭއިން ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޙަމަލާގައި އިތުރު 10 މީހަކު ޒަޚަމްވެފައިވާ އިރު، އޭގެ ތެރޭގައި 13 އަހަރުގެ ކުޑަކުއްޖެއް ހިމެނޭ ކަމަށާއި، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޚިންޝްޓޭއިން ވިދާޅުވިއެވެ.

އދގައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫބު ވަސިލީ ނެބެންޒިޔާ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވީ ޔޫކްރެއިނުން މި ހިންގި ޢަމަލުތަކުގެ ރައްދު ރަޝިޔާއިން ވަރަށް އަވަހަށް ދޭނެ ކަމަށެވެ.