ޚަބަރު

ގައުމީ ފެތުމުގެ މުބާރާތް: އޯޕަން ބައިގެ އެއްވަނަ ރިހާން އާއި ހަމްނާއަށް


ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ފެތުމުގެ މުބާރާތުގެ އޯޕަން ކެޓަގަރީގެ އަންހެން ޗެމްޕިއަންކަން ހަމްނާ އަހްމަދު، އަދި ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ބައިގެ އެއްވަނަ ހަމްނާ ހޯދީ 100 ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދި ޒައިނަބް އަބްދުﷲ ޝަފީގަށް 90 ޕޮއިންޓް ލިބުނުއިރު، ތިންވަނަ މަގާމު ހޯދި މެރާލް އައިން ލަތީފަށް ވަނީ 80 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރިހާން ހޮވުނީ 105 ޕޮއިންޓާއެކު އެވެ. ދެވަނަ މަގާމު ހޯދި އަލީ އިމްއާންއަށް 95 ޕޮއިންޓު ލިބުނުއިރު، ތިންވަނަ ހޯދި ދާއިން އަހުމަދު ޝަފީގަށް ވަނީ 85 ޕޮއިންޓު ލިބިފައެވެ.

ދެން އެންމެ ވާދަވެރިކޮށް ފެނުނީ ޓީމު އިވެންޓެވެ. މުބާރާތުގެ ޓީމު އިވެންޓުގެ އެއްވަނަ ފިރިހެން ޓީމަކަށް ފީނާ ސްވިމިން އެކަޑަމީ ހޮވުނީ ޖުމްލަ 330 ޕޮއިންޓާއެކު އެވެ. ދެވަަނަ ހޯދި ނިއު ލެގޫން ސްވިމިން ކުލަބަށް 200 ޕޮއިންޓް ލިބުނުއިރު، ތިންވަނަ ހޯދި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނަށް ވަނީ 100 ޕޮއިންޓް ލިބިފައެވެ.

އެއްވަނަ އަންހެން ޓީމަކަށް ހޮވުނީ ޑީއެޗްއައި ސްޕޯޓްސް ކްލަބެވެ. އެ ކުލަބަށް ވަނީ 305 ޕޮއިންޓް ލިބިފައެވެ. ދެވަނައަށް ދިޔަ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނަށް 210 ޕޮއިންޓު ލިބުނުއިރު ތިންވަނަ ހޯދި ނިއުލެގޫން ސްވިމިން ކުލަބަށް 115 ޕޮއިންޓު ވަނީ ލިބިފައެވެ.

މީގެއިތުރުން މުބާރާތުގެ ޖޫނިއާ ބައިގެ ފިރިހެން އެއްވަނަ ޒުކައިން އަބްދުﷲ ހަނީފް އަދި ދެވަނަ އައިމަން މޫސާ ރަޝީދު ވަނީ ހޯދާފައެވެ. ޖޫނިއާ އަންހެން ބައިން އެއްވަނަ އަމްނާ ތަޒްކިޔާ މިރްސާދު ހޯދިއިރު ދެވަނަ ހޯދާފައިވަނީ ލައިލީ އަހުމަދު ނަވާޒް، ޒޯހާ އަޒްލީ ނަޒީމް އަދި ސާރާ މުހައްމަދެވެ.