ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ދަރިކޮޅުގެ ހަތިޔާރުއެޅި ޖަމާޢަތްތައް ހުއްޓުވަން އެ ޤައުމުގެ އައު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ނާޅާއިފި ނަމަ، އެ ޖަމާޢަތްތަކާ ދެކޮޅަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތުރުކީވިލާތުން ތައްޔާރަށް އޮތް ކަން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙަކާން ފިދާން ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލައި، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން އެ ޤައުމުގެ ވެރިކަމަށް އަތްގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައި އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. ހަނގުރާމަވެރިން ދިމިޝްޤަށް އެރުމާ އެކު އަސަދު ވަނީ، އޭނާގެ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފައެވެ. އަދި، މޮސްކޯގެ ޙިމާޔަތަށް އެދިވަޑައިގަންނަވާފައެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ވައިޕީޖީއަކީ، ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)އާ ގުޅުން އޮތް ޖަމާޢަތެއް ކަމުގައި ތުރުކީވިލާތުން ޤަބޫލު ކުރެއެވެ. ވައިޕީޖީއަކީ، އެމެރިކާގެ ވާގިވެރިކަމާ އެކު އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފާ) ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް މީގެ 40 އަހަރު ކުރިން އަސްކަރީ ހަރަކާތްތައް ފެށި ޕީކޭކޭއަކީ އަންކަރާގެ އިތުރުން ވޮޝިންގޓަނާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ދެކޭ ގުރޫޕެކެވެ.
އަސަދުގެ ސަރުކާރު ވެއްޓުމާ އެކު، ސޫރިޔާގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އަދި، ހަތިޔާރު އެޅި އެކި ޖަމާޢަތްތަކުން ވަނީ އެކި ސަަރަޙައްދުތަކުގައިވާ ބިންތަކާއި ރަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ތުރުކީވިލާތުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ވެސް ސޫރިޔާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ޑިސެންބަރު 9ވަނަ ދުވަހު އެ ޖަމާޢަތްތަކުން ވަނީ، މަންޖަބު ކިޔާ ރަށަކަށް އަތްގަދަ ކޮށްފައެވެ. އެއީ، އެމެރިކާއިން ވާގިވެރިވާ އެސްޑީއެފްގެ ބާރުގެ ދަށުގައި ކުރިން އޮތް ރަށެކެވެ. އަސަދުގެ ސަރުކާރު ވެއްޓުމާ އެކު، ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ބާރު ކެނޑެން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
މި ކަމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ފިދާން ވިދާޅުވީ، ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އިޙުތިރާމު ކުރުމަކީ ތުރުކީވިލާތުގެ މައިގަނޑު ސިޔާސަތު ކަމުގައެވެ. އަދި، ވައިޕީޖީ ރޫޅައިލައި، ކުރުދީ ހަނގުރާމަވެރިންގެ ފުށުން ތުރުކީވިލާތަށް ކުރިމަތިވަމުންދާ ނުރައްކާތައް ޙައްލު ކޮށްދިނުމަކީ ސޫރިޔާގެ އައު ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމުގައެވެ.
"އެ ކަން އެ ގޮތަށް ނުވެއްޖެ ނަމަ، ތުރުކީވިލާތުގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެންނަށް ފިޔަވަޅުތައް އަޅަން ޖެހޭނެ. އެ ކަން ހާސިލު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން،" ފިދާން ވިދާޅުވިއެވެ.
އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އަންކަރާއާ އެކު ސުލްޙައިގެ މަޝްވަރާތައް ބާއްވައި، ސުލްޙަވެރި ޙައްލެއް ހޯދަން ބޭނުންވާ ކަމުގައި އެސްޑީއެފްގެ ކޮމާންޑަރު މަޟްލޫމް ޢަބްދީ ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ފިދާން ވަނީ، ފުރަތަމަ ދިމިޝްޤުގެ އައު ސަރުކާރާ އެކު މަޝްވަރާތައް ބޭއްވުމަށް އެސްޑީއެފަށް ގޮވައިލައްވާފައެވެ.
"ސޫރިޔާގައި މި ވަގުތުގެ ހާލަތާ އެކު، އަޅުގަނޑުމެންގެ އުންމީދަކީ، އެ ކަންކަން ޙައްލު ކުރަން މަސައްކަތް ކުރުން. އަދި ހަމަ އެއް ވަގުތެއްގައި، ވައިޕީޖީ/ޕީކޭކޭއަށް ވެސް އަޅުގަނޑުމެން ބޭނުންވާ ކަންކަން ސާފުވާނެ. އަޅުގަނޑުމެންނަށް [ތުރުކީވިލާތަށް] އެއްވެސް ހަތިޔާރު އެޅި ބަޔެއްގެ ނުރައްކާ އޮތުމަށް ބޭނުމެއް ނުވޭ. މިހާރު ތިބި [ގުރޫޕުތައް]، އަދި އެހެން ބަޔެއްގެ ފުށުން ނަމަވެސް،" ފިދާން ވިދާޅުވިއެވެ.
ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ވައިޕީޖީ އަދި އެސްޑީއެފްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީވިލާތުން ދަނީ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި، ތުރުކީވިލާތުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ މި ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެސްޑީއެފަށް ވާގިވެރިވުން ހުއްޓައިލުމަށް ތުރުކީވިލާތުން ވަނީ އެމެރިކާގެ ކިބައިން ވެސް އެތަކެއް ފަހަރެއް މަތިން އެދިފައެވެ.
ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކުރި އައިއެސް ޖަމާޢަތުގެ ނިރުބަވެރިން ބަލިކަށި ކޮށްލުމަށް ކުރި ހަނގުރާމައިގައި އެސްޑީއެފުން ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ޖަމާޢަތާ ދެކޮޅަށް 2014ވަނަ އަހަރު ފެށި ހަނގުރާމައިގައި ކާމިޔާބީ ލިބިފައި ވަނީ 2017ވަނަ އަހަރުއެވެ. ހަނގުރާމައިގެ ތެރޭގައި ހައްޔަރު ކޮށްފައިވާ އައިއެސްގެ ނިރުބަވެރިން މި ވަގުތު ތިބީ އެސްޑީއެފްގެ ޖަލުތަކުގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ، އައިއެސް ޖަމާޢަތް އަލުން އެކުލަވައިލައި، ނިރުބަވެރި ހަރަކާތްތައް ފެށުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ފިދާން ވިދާޅުވީ، ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ އަދަދު އިތުރު ކުރުމަކީ، އައިއެސާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، އެއީ އެސްޑީއެފްގެ ހަނގުރާމަވެރިންނަށް ވާގިވެރިވުމުގެ ގޮތުން އެމެރިކާއިން އަޅާފައިވާ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. "އައިއެސާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މި ވަގުތު ކުރަން އޮތް ހަމައެކަނި ކަމަކީ އައިއެސްގެ ނިރުބަވެރިން ޖަލުތަކުގައި ހައްޔަރު ކޮށްފައި ބޭތިއްބުން،" ފިދާން ވިދާޅުވިއެވެ.
އަސަދުގެ ސަރުކާރު ވައްޓައިލައި ސޫރިޔާގެ ވެރިކަމަށް ވެރިވެގަނެފައިވާ އެޗްޓީއެސާއި ތުރުކީވިލާތާ ދެމެދު ރަނގަޅު ގުޅުންތަކެއް އޮތް ކަން ވެސް ފިދާން ވަނީ ހާމަކުރައްވާފައެވެ. އަދި، އައިއެސްގެ އިތުރުން ނިރުބަވެރި ޖަމާޢަތް، އަލް-ޤާޢިދާއާ ދެކޮޅަށް އެޗްޓީއެސާއި ތުރުކީވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން މަސައްކަތް ކޮށްފައިވާނެ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ސޫރިޔާގައި ބޭރު ޤައުމުތަކުގެ އަސްކަރީ މަރުކަޒުތައް ޤާއިމު ކުރުމާ ތުރުކީވިލާތުން ދެކޮޅު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.