ރަތް ކަނޑުގެ މަތިން ދަތުރުކުރަމުން ދިޔަ އަމިއްލަ އަސްކަރީ މަތިންދާބޯޓަކަށް އޮޅިގެން ޙަމަލާއެއް ދެވި ވައްޓާލެވިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެ މަތިންދާބޯޓު ދުއްވަން ތިބި ދެ ޕައިލެޓުން ވެސް ޙަމަލާ ދިނުމާ އެކު ވައިކުޑައިގައި ފުންމާލައިފައެވެ. އަދި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެ ދެ މީހުން ވެސް ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، އޭގެ ތެރެއިން އެއް ޕައިލެޓަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
އެ އަސްކަރީ މަތިންދާބޯޓަކީ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ހެރީ އެސް ޓްރޫމަނުން އުދުއްސާލި އެފް/އޭ-18 ހޯނެޓް މަރުކައިގެ އުޅަނދެކެވެ. ނަމަވެސް ކެރިއާގެ އެސްކޯޓް ޝިޕްތަކުގެ ތެރެއިން އެއް ބޯޓު ކަމަށްވާ މިސައިލް ކްރޫޒާ ގެޓިސްބަރގަށް އޮޅިގެން މަތިންދާބޯޓަށް ބަޑިޖެހުނީ ކަމަށް ޔޫ އެސް ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރުގެ ހިމާޔަތުގައި އެމެރިކާގެ އަސްކަރީ އުޅަނދުތައް އެ ސަރަޙައްދުގައި ޙަރަކާތްތެރި ވަނީ ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާ ގުޅިގެންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.
ޙަމަލާތަކުގައި ޙޫޘީން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އަސްކަރީ ޙަރަކާތްތައް ފުޅާ ކޮށްފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ހޮނިހިރު ދުވަހު ވެސް ރަތް ކަނޑުގެ މަތީގައި ޙޫޘީންގެ ޑްރޯންތަކަކާއި މިސައިލްތަކެއް ވައްޓައިލުމުގެ އިތުރުން، ޔަމަނުގެ ވެރިރަށް ޞަންޢާގައި ހުންނަ އެ ޖަމާޢަތުގެ މަރުކަޒުތަކަށް ބޮން އަޅާފައިވާނެ ކަމަށެވެ.