ޚަބަރު

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ޤަރާރަށް ރާއްޖެއިން ތާޢީދުކޮށްފި


  • ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން 137 މެންބަރު ޤައުމުގެ ވޯޓުން

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި ޤަރާރެއް ވަނީ ހުށައަޅާފައެވެ. މި ޤަރާރު ހުށައަޅާފައިވަނީ ނޯވޭ ގެ އިސްނެގުމާއެކު، އެހެން ޤައުމުތައް ހިމެނޭ ގްރޫޕަކުންނެވެ.

މިޤަރާރު މިމަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާއްމު މަޖިލީހުން ފާސްކުރުމާ ގުޅިގެން ޤަރާރަށް ދިވެހިރާއްޖެއިން ވަނީ މަރުޙަބާ ކިޔާފައެވެ. މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ޤަރާރަކީ ރާއްޖެއިން ކޯ-ސްޕޮންސަރކޮށްފައިވާ ޤަރާރެއްކަމަށެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން 137 މެންބަރު ޤައުމުގެ ވޯޓާއެކުއެވެ.

ރާއްޖެއިން ޤަބޫލުކުރާ ގޮތުގައި މިއީ އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވަޅެކެވެ.

އަދި މި ޤަރާރަށް ލިބިފައިވާ ތާއީދަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާ ބާރެއްކަމުގައިވެސް ރާއްޖެއިން ޤަބޫލުކުރާކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ފައުޖުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަދި ރާއްޖެއިން އޮންނާނީ އަބަދުވެސް ފަލަސްޠީނާ އެކުގައިކަން ހާމަކުރައްވައި އަޑުއުފުއްލަވަމުންނެވެ.