ޔަމަންގެ ވެރިރަށް ޞަންޢާއަށް އެމެރިކާއިން ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިއީ، ޔަހޫދީންގެ ދިފާޢުގައި ދީފައިވާ ޙަމަލާތަކެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ހަތިޔާރު ރައްކާކުރާ ގުދަންތަކާއި ކޮމާންޑު ސެންޓަރުތަކަށެވެ.
މެދުއިރުމަތީގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މައި މަރުކަޒު، ޔޫއެސް ސެންޓްރަލް ކޮމާންޑުން ބުނީ، ޙޫޘީންނަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ދިނުމުގެ ބޭނުމަކީ އެ ޖަމާޢަތުގެ އަސްކަރީ ހަރަކާތްތަކަށް ހުރަސް އެޅުން ކަމުގައެވެ. އެއީ، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރާއި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙޫޘީން ދެމުންދާ ޙަމަލާތަކަށް ހުރަސް އެޅުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި ސެންޓްރަލް ކޮމާންޑުން ބުނި ނަމަވެސް، އެއީ ޒަޔަނިސްޓުންގެ ވެރިރަށަށް އަމާޒުކޮށް ޙޫޘީން ދާދިފަހުން ދީފައިވާ މިސައިލް ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހިންގާފައިވާ ޢުދުވާނެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި ބާބް އަލް-މަންދަބީ ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރާ ދެކޮޅަށް ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ބޭނުމަކީ ޔަހޫދީ ފައުޖުގެ އަނިޔާވެރި ކަމަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ.
ޙޫޘީންގެ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ވެސް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮތް ޔާފާއަށް ޙޫޘީން ދާދިފަހުން ވަނީ އަޑަށް ވުރެ ބާރަށް ދަތުރު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާއެއް ދީފައެވެ. އަދި، ޔަހޫދީންގެ 16 މީހުން ޒަޚަމު ކޮށްލާފައެވެ. އެމެރިކާއިން ޞައްޢާއަށް ބޮންއަޅަން ފަށާފައި ވަނީ އެ ޙަމަލާއާ ގުޅިގެންނެވެ.
އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން ޙޫޘީންގެ މިސައިލް ދިފާޢު ކުރުމަށް ކުރި މަސައްކަތްތައް ފޭލުވެފައިވާ ކަން ޔަހޫދީ ފައުޖުން ވަނީ ކަށަވަރު ކޮށްދީފައެވެ. ތެލް އަވީވުގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، މިސައިލް ޙަމަލާގައި 16 މީހަކު ޒަޚަމުވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ހަސްފަތާލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމުގައެވެ. ނުރައްކާތެރި މިސައިލްތަކާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޙޫޘީން މީގެ ކުރިން ވެސް ޒަޔަނިސްޓުންގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، ޞަންޢާއަށް ދީފައިވާ ޙަމަލާތަކުގައި މިސައިލް ރައްކާކުރާ ގުދަންތަކުގެ އިތުރުން އަސްކަރީ ޑްރޯނާއި ކްރޫޒް މިސައިލްތަކެއް ވެސް ނައްތައިލާފައިވާނެ ކަމުގައެވެ. ހުސްވި ހަފުތާގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަނުގައި ހުރި ޙޫޘީންގެ ކޮމާންޑު ސެންޓަރަކަށް ވައިގެ ޙަމަލާތަކެއްދީފައެވެ.
ޑިސެންބަރު 19ވަނަ ދުވަހު ޔަހޫދީ ފައުޖުން ވެސް ވަނީ ޔަމަންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމުގެ ރަށްތަކަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބަނދަރުތަކާއި ހަކަތައާ ގުޅުންހުރި ޢުމްރާނީ ވަސީލަތްތަކަށެވެ. ޔަމަންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ނިރުބަވެރި އިތުރު ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ޔަހޫދީން ވަނީ ދީފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,227އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,573 މީހުން ޒަޚަމު ކޮށްލާފައެވެ.