އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އާއި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އިން ކާމިޔާބު ކޮށްފި އެވެ.
މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ 17 މެޗުން ލިބުނު 26 ޕޮއިންޓާއެކު ހަތްވަނައަށް އަރާފަ އެވެ. އިޕްސްވިޗް ޓައުން އަށް 17 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.
އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު ޖެހުމާއެކު އެއީ އޮފްސައިޑް ގޯލެއްކަމަށް ފުރަތަމަ ނިންމި ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެއީ ރަގަޅު ގޯލެއް ކަމަށް ވަނީ ނިންމާފަ އެވެ.
އަދި މެޗުގެ 32 ވަނަ މިނިޓުގައި ޖޭކޮބް މާފީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނިއުކާސަލް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އިސާކް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި އިސާކް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
މި މެޗުން ބަލިވުމާއެކު އިޕްސްވިޗް އިން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މެޗަކުން މޮޅުނުވާތާވަނީ އެތައް އަހަރެއް ވެފަ އެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމު މޮޅުވެފައިވަނީ 2002 ވަނަ އަހަރު އެ ޓީމު ރެލިގޭޓް ވުމުގެ ކުރިން މިޑްލްސްބަރާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.