ޚަބަރު

ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ދިފާޢީ ވަޒީރަކަށް އެޗްޓީސީގެ މުރްހަފް އަބޫ ޤަސްރާ


‎ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ދިފާޢީ ވަޒީރުގެ މަޤާމަށް ހަޔިއަތު ތަޙްރީރް އަލް-ޝާމް، އެޗްޓީއެސްގެ އިސްވެރިއެއް ކަމަށްވާ މުރްހަފް އަބޫ ޤަސްރާ ޢައްޔަނު ކޮށްފިއެވެ.

‎ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ސޫރިޔާގެ ރައީސްގެ ގޮތުގައި އޭރު ހުންނެވި ބައްޝާރު އަލް-އަސަދުގެ ސަރުކާރު ވަނީ ކުއްލި ގޮތަކަށް ނިމުމަކަށް އައިސްފައެވެ. އެކަމުގެ މައި މެދުވެރިއެއް ކަމުގައި ވީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ އެޗްޓީއެސެވެ. އަބޫ ޤަސްރާ, ނުވަތަ ހަނގުރާމަައިގެ މައިދާނުގައި މަޝްހޫރު ނަމުން ނަމަ އަބޫ ޙަސަން 600އަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެޗްޓީއެސްގެ ފަރާތުން ގިނަ ޙަމަލާތަކެއް ދިނުމުގައި އިސްކޮށް ޙަަރަކާތްތެރިވި ހަނގުރާމަވެރިއެކެވެ.

‎ސޫރިޔާގެ ސަރުކާރާ މިހާރު ޙަވާލުވެ ހުރި އެޗްޓީއެސްގެ އަބޫ މުޙައްމަދު އަލް-ޖޫލާނީ ވަނީ ސޫރިޔާގައި ޤާއިމު ކުރާ އަސްކަރިއްޔާއާ ގުޅޭގޮތުން ހަތިޔާރުއެޅި އެހެން ޖަމާޢަތްތަކާ މަޝްވަރާ ކޮށްފައެވެ. އެ ބައްދަލުވުމުގައި އަބޫ ޤަސްރާ އިނީ އަޙްމަދު އަލް-ޖޫލާނީއާ އެންމެ އަރިހުގައެވެ.

‎ސޫރިޔާގެ އިންތިޤާލީ ބޮޑުވަޒީރު މުޙައްމަދު އަލް-ބަޝީރު މި ހަފުތާގެ ތެރޭގައި ބުނީ ސޫރިޔާގެ ދިފާޢީ ވުޒާރާ އަލުން އެކުލަވާލައި ބައްޓަން ކުރާނެ ކަމަށާއި ހަނގުރާމަވެރި ހުރިހާ ޖަމާޢަތްތަކާއި ރައީސް އަސަދުގެ ލަޝްކަރުން އިދިކޮޅާ ގުޅިފައިވާ އޮފިސަރުން އެ މަސައްކަތުގައި ބައިވެރި ކުރާނެ ކަމަށެވެ. ސޫރިޔާގެ ހުޅަނގުއުތުރުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ޤާއިމު ކޮށްފައިވާ ސަރުކާރުގެ ވެރިއެއްގެ ދަޢުރު ވެސް ޢަދާ ކުރެއްވި އަލް-ބަޝީރު ވަނީ ތިން މަސް ދުވަހުގެ އިންތިޤާލީ ސަރުކާރެއް ހިންގައިދޭނެ ކަމަށް ބުނެފައެވެ. އެ ތިން މަސް ހަމަވުމުން ދެން ކަންތައް ކުރާނެ ގޮތަކާމެދު އިންތިޤާލީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

‎ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ދާޚިލީ ވަޒީރުގެ މަޤާމަށް ޢައްޔަނު ކޮށްފައިވަނީ އަސްޢަދު ޙަސަން އަލް-ޝައިބާނީއެވެ. އިދްލީބުގަައި ހަނގުރާމަވެރި ޖަމާޢަތްތަކުން ޤާއިމު ކޮށްފައި އޮތް ސަރުކާރުގެ ސިޔާސީ ގޮފީގެ ވެރިޔަކަށް ހުރި އަސްޢަދު ޚާރިޖީ ވަޒީރުގެ މަޤާމަށް އިސްކޮށްފައި ވަނީ ޞުލްޙައާއި ހަމަޖެހުން ޤާއިމް ވާނެ ފަދަ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރަން ސޫރިޔާގެ ރައްޔިތުން އެދޭތީ ކަމަށް އިންތިޤާލީ ސަރުކާރަށް ނިޞްބަތްވާ މަސްދަރަކުން ބުނެއެވެ.