ޚަބަރު

އެޗްޓީއެސްގެ ޝަރާޢު ހައްޔަރު ކުރަން އެމެރިކާއިން މިހާރު ބޭނުމެއް ނޫން


ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލުމުގައި އިސްކޮށް ހަރަކާތްތެރިވި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އިސް ކޮމާންޑަރު އަޙްމަދު އަލް-ޝަރާޢު ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީ ހައްޔަރު ކުރަން މިހާރު ބޭނުން ނުވާ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. މި ކަން ހާމަކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާގައި އިރުމަތީ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ވަޒީރު ބާބަރާ ލީފެވެ.

އެޗްޓީއެސްގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތަކުން ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ ޢާއިލާއާ އެކު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވައި، ޙިމާޔަތް ހޯއްދަވާފައެވެ.

އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސް، އެ ޤައުމުގައި އިންތިޤާލީ ސަރުކާރެއް އެކުލަވައިލާފައިވާ އެޗްޓީއެސާ އެކު ގުޅުންތައް ޤާއިމު ކުރަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެޗްޓީއެސާ އެކު މަޝްވަރާތައް ބޭއްވުމަށް އެމެރިކާގެ ވަފުދެއް ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ދަތުރު ކޮށްފައެވެ. އެ ވަފުދުގައި އިސްކޮށް ހުންނެވި ލީފް ވިދާޅުވީ، ޝަރާޢާ އެކު ބޭއްވި ބައްދަލުވުމުގައި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ.

ޝަރާޢަކީ މިހާރު އެމެރިކާގެ އެކުވެރިއެއްތަ؟

މީގެ ކުރިން ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ އެކު ގާތް ގުޅުންތަކެއް ބާއްވާފައިވާ އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި އެމެރިކާއިން ހިމަނާފައިވާ ގުރޫޕެކެވެ. އަދި، އެ ޖަމާޢަތުގެ އިސް ކޮމާންޑަރު ޝަރާޢު ހައްޔަރުކޮށް، އެމެރިކާއާ ޙަވާލު ކުރާ މީހަކަށް އެ ޤައުމުން ވަނީ 10 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. ނަމަވެސް، ލީފް ވިދާޅުވީ ޝަރާޢާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު އެމެރިކާގެ ސިޔާސަތު ބަދަލު ކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރު ކުރާ ފަރާތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމު ބާޠިލު ކުރަން ނިންމާފައިވާ ކަމުގައެވެ.

ޝަރާޢު ހައްޔަރުކޮށް އެމެރިކާއާ ޙަވާލު ކުރާ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް ފައިސާގެ އިނާމު ބާޠިލު ކުރަން ނިންމާފައި ވަނީ ޝަރާޢާ އެކު ބޭއްވެވި ބައްދަލުވުމުގައި ލިބިފައިވާ ރަނގަޅު މެސެޖުތަކަށް ރިއާޔަތްކޮށް ކަމުގައި ލީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ސޫރިޔާގައި ނިރުބަވެރި ޖަމާޢަތްތަކަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަޢުދުވުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން ސޫރިޔާގެ ހުރިހާ ނަސްލުތަކެއްގެ ބައިވެރިވުން އޮތް ސަރުކާރެއް އެކުލަވައިލުމާއި، އިންތިޤާލީ މަރުޙަލާގައި ހުރިހާ ނަސްލަކާއި ގުރޫޕުތަކާ އެކު މަޝްވަރާތައް ބޭއްވުމަށް އަޅުގަނޑު ބާރުއެޅިން. ސޫރިޔާގެ ރައްޔިތުން އިސްވެ ސިޔާސީ ގޮތުން ގެންނަ ބަދަލުތަކަށް އަޅުގަނޑުމެންގެ ތާޢީދު ލިބޭނެ، އައު ސަރުކާރުގައި ހުރިހާ އެންމެންގެ ބައިވެރިވުން އޮންނަން ވާނެ، އަދި ސޫރިޔާގެ ހުރިހާ ރައްޔިތުންގެ، އަންހެނުން ހިމެނޭ ގޮތުގައި، ޙައްޤުތަކަށް ފުރިހަމައަށް އިޙުތިރާމުކޮށް، ހުރިހާ ނަސްލެއްގެ އަދި ދީނެއްގެ މީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދޭން ވާނެ،" ލީފް ވިދާޅުވިއެވެ.

ނިރުވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކުރާނެތަ؟

ޝަރާޢާ އެކު ލީފް ބޭއްވެވި ބައްދަލުވުމުގައި އެމެރިކާއިން ސޫރިޔާއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު، ޑެނިޔެލް ރުބިންސްޓައިނާއި، އަސީރުން މިނިވަން ކުރުމާ ގުޅޭ ޚާއްޞަ މަންދޫބު ރޮޖަރ ކާރސްޓަންސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކުރުމާ ގުޅޭ ގޮތުން އެމެރިކާއިން މިހާރު ދަނީ ވިސްނަމުންނެވެ. އެ ލިސްޓުގައި ހިމަނާފައިވާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ޤާނޫނުތަކުން މަނާ ކަމެކެވެ. ނަމަވެސް، އެ ފަދަ ޖަމާޢަތްތަކާ އެކު މަޝްވަރާތައް ބޭއްވުން އެމެރިކާގެ ސަރުކާރަށް މަނަލެއް ނޫނެވެ.

ޝަރާޢު ހައްޔަރު ކުރާ މީހަކަށް އެމެރިކާއިން ކަނޑައަޅާފައިވާ ފައިސާގެ އިނާމު އުވަލުމަކީ، ސޫރިޔާގައި އެމެރިކާއިން ބޭނުންވާ ފަދަ ސަރުކާރެއް ޤާއިމު ކުރުމަށް އެޗްޓީއެސަށް ބާރު އަޅައި، އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. އޭގެ ތެރޭގައި، ސޫރިޔާއަކީ އުފެއްދުންތެރި، އަދި ރައްކާތެރި ޤައުމަކަށް ހެދުން ހިމެނޭ ކަމުގައި އެމެރިކާއިން ބުންޏެވެ.

އަސަދުގެ ވެރިކަމުގެ ދުވަސްވަރު ސޫރިޔާއަށް ދަތުރު ކުރި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މަޢުލޫމާތު ހޯދުމަށް ވެސް އެމެރިކާގެ ވަފުދުން ވަނީ ޝަރާޢާ އެކު ބޭއްވި މަޝްވަރާތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން އެކަކަކީ އެމެރިކާގެ ނޫސްވެރިއެއް ކަމުގައިވާ އޮސްޓިން ޓައިސެވެ. އޭނާ ގެއްލުނީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ޚަބަރުތައް ރިޕޯޓު ކުރުމަށް 2012ވަނަ އަހަރު ކުރި ދަތުރެއްގެ ތެރެއިންނެވެ. އެ ދަތުރުގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައިވާ ކަމުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ. ނަމަވެސް، އެ ކަމުގެ ފަހަތުގައި އޮތީ ކޮން ފަރާތެއް ކަން ސާފެއް ނޫނެވެ.

ސޫރިޔާގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ޢަދަދު ފަޅާއެރުން

ލީފާއި އެމެރިކާގެ ވަފުދަކުން ޝަރާޢާ ބައްދަލުކޮށްފައި މި ވަނީ، އެމެރިކާގައި ތިބި ސޫރިޔާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު 2,000އަށް އަރާ ކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ކުރިން ބުނަމުން ގޮސްފައި ވަނީ، ސޫރިޔާގައި ތިބީ އެ ޤައުމުގެ 900އެއްހާ ސިފައިން ކަމުގައެވެ. ނަމަވެސް، އެ އަދަދަށް ވުރެ ދެ ގުނަ އިތުރު ސިފައިން ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ކަން މި ވަނީ ފަޅާއަރާފައެވެ.

2014ވަނަ އަހަރު އެމެރިކާއިން ސޫރިޔާއަށް ސިފައިން ފޮނުވާފައި ވަނީ ނިރުބަވެރި ޖަމާޢަތް، އައިއެސާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިކުރާށެވެ. 2017ވަނަ އަހަރުގެ ތެރޭގައި އައިއެސް ޖަމާޢަތް ބަލިކޮށްފައިވީ ނަމަވެސް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ސޫރިޔާއިން ފައިބާފައެއް ނެތެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ. މި ގޮތުން، ޑިސެންބަރު 20ވަނަ ދުވަހު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ސޫރިޔާގެ އިރުމަތީ ދަޔިރް އަލް-ޛޫރަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެއީ، އައިއެސް ޖަމާޢަތުގެ ވެރިޔާ އަބޫ ޔޫސުފް ނުވަތަ މަޙްމޫދު މަރައިލުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާތަކެއް ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.