ޚަބަރު

ޤައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި


  • މިކޭމްޕްގައި 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވި

  • މިކޭމްޕް ކުރިއަށްދާނީ އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް

ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި އިފުތިތާހުކޮށްފިއެވެ.

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.

އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 66 ފިރިހެން ކެޑޭޓުންނާއި، 54 އަންހެން ކެޑޭޓުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހިމް ކޭމްޕްގައި ބައިވެރިވި ކެޑޭޓުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކައިގައި ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫޙެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ހިތްވަރުދެއްވިއެވެ. އަދި ކޮންމެ ކެޑޭޓަކުވެސް ހިތްވަރާއެކު މަަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ ޢިލްމާއި ހުނަރުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން ޙަސަން އަކްރަމެވެ. ކެޑޭޓުންނަށް އިޤުރާރުލައިދެއްވީ ކޭމްޕްގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު ލަޠީފެވެ.

މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންނެވެ. އަދި ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސަނީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއިންނެވެ. މި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެއެވެ.

ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކުރުމާއި ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުންވެސް މިކޭމްޕްގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެޖުޓަންޓް އޮފް އެމްއެންސީސީ އަދި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ޔޫސުފް ރަޝީދުއާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ، ސާޖަންޓް މޭޖަރ ޒުޙައިރު ޙުސައިންއާއި، އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲގެ އިތުރުން އެމްއެންސީސީގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.