ޚަބަރު

ސޫރިޔާގައި ތިބި އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ މުއްދަތު އިތުރުކޮށްފި


ސޫރިޔާގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔޫއެންޑީއޯއެފް)ގެ މުއްދަތު އިތުރު ކުރަން ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. ސޫރިޔާއާއި ޒަޔަނިސްޓު އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގުގައި ސުލްޙަ ޤާއިމު ކުރުމަށް އދގެ ސިފައިން ފޮނުވާފައި ވަނީ 1974ވަނަ އަހަރު އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި 350 ނަންބަރު ޤަރާރުގެ ދަށުންނެވެ. އެ ފައުޖުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ސޫރިޔާގެ އަސްކަރިއްޔާއާއި ޔަހޫދީ ފައުޖާ ދެެމެދު ވެފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓުމެވެ.

އެ އެއްބަސްވުމުގެ ދަށުން ޔޫއެންޑީއޯއެފްގެ ސިފައިން ހަރަކާތްތެރިވަމުން ދަނީ ޔަހޫދީން އަތްގަދަ ކޮށްފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިމާއި ސޫރިޔާއާ ގުޅޭ ސަރަޙައްދީ ރޮނގުގެ ސަރަޙައްދުގައެވެ. ޑިސެންބަރު 21ވަނަ ދުވަހު އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ވަނީ ޔޫއެންޑީއޯއެފްގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމައިލުމަށެވެ. އެ މަޖިލީހުން ބުނީ، ޖޫލާންގެ އުސް ބިމުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން މަސްރަޙު ހޫނުވެ، ޙަމަލާ ބަދަލު ކުރުން ފެށުމުގެ ނުރައްކާ އިތުރުވެފައިވާ ކަމުގައެވެ.

ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާޢަތްތަކުން ޑިސެންބަރު 8ވަނަ ދުވަހު ވަނީ އޭނާގެ ސަރުކާރު ވައްޓައިލާފައެވެ. އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސެ)ވެ. އަސަދުގެ ސަރުކާރު ވައްޓައިލުމާ އެކު ޔަހޫދީ ފައުޖުން ވަނީ ޖޫލާނާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގުގައި ޤާއިމު ކޮށްފައިވާ 'ޑީމިލިޓަރައިޒްޑް ޒޯން' ނުވަތަ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަށް ސިފައިންނާއި ބަރު ހަތިޔާރާ އެކު އަރައިގަނެފައެވެ. އެއީ، ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1973ވަނަ އަހަރުގެ ޢަރަބި-އިސްރާއީލް ހަނގުރާމައަށް ފަހުއެވެ. އެ ސަރަޙައްދުގައި އަމަން ބަލަހައްޓަމުން ދަނީ ޔޫއެންޑީއޯއެފްގެ ސިފައިންނެވެ.

ޖޫލާންގައި އޮތް ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ސިފައިންނާއި ބަރުހަތިޔާރު ފޮނުވުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޒަޔަނިސްޓު ސަރުކާރުން ބުނީ، އެ ސަރަޙައްދަށް ސިފައިން ފޮނުވާފައި ވަނީ ވަގުތީ ގޮތުން ކަމުގައެވެ. އަދި، އެއީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމުގެ ގޮތުން އަޅާފައިވާ ދިފާޢީ ފިޔަވަޅެއް ކަމުގައެވެ.

ނަމަވެސް، އދގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، 1974ވަނަ އަހަރު ސޮއިކޮށްފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިޙުތިރާމު ކުރުމަށް ޔޫއެންޑީއޯއެފްގެ މުއްދަތު ދަންމައިލުމަށް އެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި ގޮވައިލިއެވެ.

"އެ ސަރަޙައްދުގައި އެއް ފަރާތުން [ޔަހޫދީ ފައުޖުން] ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން މަސްރަޙު އިތުރަށް ހޫނުވެ، އިސްރާއީލާއި ސޫރިޔާގެ ޢަރަބި ޖުމްހޫރިއްޔާގެ ފައުޖުތަކާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމުގެ ނުރައްކާ ބޮޑުވެއްޖެ،" ކަމަށް ބުނެ އދގެ ސަލާމަތީ މަޖިލީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށައިފި ނަމަ، ދެ ޤައުމުގެ ޢާންމު ރައްޔިތުންނާއި އދގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވާނެ ކަމުގައި ވެސް އެ މަޖިލީހުން ބުންޏެވެ.

ޖޫލާންގެ އުސް ބިމުގައި ޤާއިމު ކޮށްފައިވާ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަކީ 400 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެކެވެ. ނަމަވެސް، އދގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން މި ވަނީ އެ ސަރަޙައްދަށް ސިފައިންނާއި ބަރުހަތިިޔާރު ޖަމާކޮށްފައެވެ. ޔަހޫދީން މި އަމަލު ހިންގާފައި މި ވަނީ، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރުހުމާއި އެއްބާރުލުމާ އެކުގައެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން: އެ ސަރަޙައްދުގައި [ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދުގައި] އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ އިތުރުން އެހެން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުމަކީ މަނާ ކަމެއް،" ޔަހޫދީންގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ.

ސޫރިޔާގެ އަސްކަރިއްޔާގެ އަމާޒުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ވައިގެ ޙަމަލާތަކަކީ ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ދެމުންދާ، ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަތުމުގެ ކުށެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޔަހޫދީން މިފަދަ ކުށްތައް ހިންގަމުން ދަނީ އެމެރިކާގެ ޙިމާޔަތުގެ ދަށުންނެވެ.