ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ނުރައްކާތެރި މިސައިލް ޙަމަލާއެއްދީ، ޔަހޫދީންގެ 16 މީހުން ޒަޚަމު ކޮށްލައިފިއެވެ. ތެލް އަވީވަށް މިސައިލް ޙަމަލާއެއްދީ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަން ޔަހޫދީ ފައުޖުގެ އިތުރުން އިސްރާއީލުގެ އެމްބިޔުލާންސް ޚިދުމަތްދޭ އިދާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ޙޫޠީން ބުނީ، މިސައިލް ޙަމަލާ އަމާޒު ކޮށްފައި ވަނީ ތެލް އަވީވުގެ ރަށްބޭރުގައި އޮތް ޔާފާގައި ހުރި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށް ކަމުގައެވެ. ޔާފާއަކީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެކެވެ. އެ ތަނަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުން ކޮށްފައި ވަނީ އަޑަށް ވުރެ ބާރަށް ދަތުރު ކުރުމުގެ ޤާބިލު ކަން ލިބިފައިވާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެކެވެ. އެއީ، 'ފަލަސްޠީން 2' މަރުކާގެ މިސައިލެކެވެ.
"ކާމިޔާބު ކަމާ އެކު މިސައިލް އޭގެ މަންޒިލަށް ދަތުރު ކުރި، އަދި [ޔަހޫދީންގެ] ދިފާޢީ ނިޒާމު ވަނީ އެ މިސައިލް ދިފާޢު ކުރަން ނުކުޅެދިފައި،" ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވިއެވެ. ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ތެލް އަވީވަށް ޙަމަލާ ދީފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ޔަމަނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޙޫޠީންގެ އޮފިޝަލަކު ބުނީ، އެ ޖަމާޢަތުން ބޭނުން ކުރާ ނުރައްކާތެރި ހަތިޔާރުތައް ދިފާޢު ކުރުމުގެ ޤާބިލުކަން ޔަހޫދީ ފައުޖަށް ލިބިގެން ނުވާ ކަމުގައެވެ. އަދި، އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއް ޚަރަދު ކޮށްގެން ޔަހޫދީން ޤާއިމު ކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމުގެ ބޭނުމެއް އޮތް ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. "އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމު ފޭލުވުމުގެ މާނައަކީ، ޒަޔަނިސްޓު ދުޝްމަނުންގެ މައި ރަށަކީ މިހާރު [ޔަހޫދީންނަށް] ރައްކާތެރި ތަނެއް ނޫން ކަން،" ޙޫޘީންގެ ސިޔާސީ މައި މަޖިލީހުގެ މެންބަރެއް ކަމުގައިވާ ޙޫޘީ ޙާޛިމް އަލް-އަސަދު ވިދާޅުވިއެވެ.
ޙޫޘީންގެ މިސައިލް ދިފާޢު ކުރުމުގެ ނަމުގައި ޔަހޫދީ ފައުޖުން އުދުއްސައި އިންޓަރސެޕްޓަރ މިސައިލްތައް ވެއްޓި، ޔާފާއަށް އިތުރު ގެއްލުންތަކެއް ލިބިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. "އެތަކެއް ބިލިޔަން ޑޮލަރެއް ހޭދަކޮށްގެން މިސައިލް ދިފާޢީ ނިޒާމެއް ޤާއިމު ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ޔަހޫދީ ފައުޖުން ވެސް ވަނީ، ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން ޙޫޘީންގެ މިސައިލް ދިފާޢު ކުރުމަށް ކުރި މަސައްކަތްތައް ފޭލުވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ތެލް އަވީވުގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، މިސައިލް ޙަމަލާގައި 16 މީހަކު ޒަޚަމުވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ހަސްފަތާލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމުގައެވެ. ނުރައްކާތެރި މިސައިލްތަކާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޙޫޘީން މީގެ ކުރިން ވެސް ޒަޔަނިސްޓުންގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.
ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ޙޫޘީން ތެލް އަވީވަށް ނުރައްކާތެރި ޙަމަލާއެއް ދިނުމުން، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ އިއްތިޙާދު، ޕޮޕިޔުލަރ ރެސިސްޓެންސް ކޮމިޓީން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. އެ ކޮމިޓީން ވެސް ވަނީ، އެތަކެއް ބިލިޔަން ޑޮލަރެއް ހޭދަ ކޮށްގެން ޔަހޫދީން ޤާއިމު ކޮށްފައިވާ ދިފާޢީ ނިޒާމުތައް ފޭލުވެފައިވާ ކަން ފާހަގަކޮށް، ޙޫޘީންގެ ޙަމަލާތައް ދިފާޢު ކުރަން ޔަހޫދީ ފައުޖު ނުކުޅެދިފައިވާ ކަމަށް ބުނެފައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ، 2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ބޭނުމަކީ ޔަހޫދީ ފައުޖުގެ އަނިޔާވެރި ކަމަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,206އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 107,512 މީހުން ޒަޚަމު ކޮށްލާފައެވެ.