ޚަބަރު

ވިއްސާރާގައި ގޭބިސީތަކަށް ގެއްލުންވެ، މާލޭގެ 5 ގެއަކުން މީހުން ބަދަލުކުރަނީ


  • އެންޑީއެމްއޭއިންވަނީ 5000 ވެލިބަސްތާ ސިޓީ ކައުންސިލަށް ފޯރުކޮށްދީފައި

  • ފަސް ގެއެއްގެ މީހުން ވަގުތީ ހިޔާވައްސަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭތެރެއަށް ފެން ވަނުމުގެ ސަބަބުން ފަސް ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން މާލޭގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޭބިސީތަކުން ވެލިބަސްތާ ޖަހައިދިނުމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން 5،000 ވެލިބަސްތާ އެންޑީއެމްއޭއިން ސިޓީ ކައުންސިލަށް ދޫކޮށްފައިވާކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަނުމާ ގުޅިގެން ފަސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ގެއެއްގައި ދިރިއުޅެމުންދިޔަ މީހުން ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭއާއި މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން ކުރަމުން އަންނަކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަރަށް ގެއްލުން ލިބިފައިވާ މިންވަރު ބެލުމަށް ރަށްރަށުގެ ކައުންސިލްތަކަށް ގުޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، މީހުން ބަދަލުކުރަންޖެހޭ ވަރުގެ ގެއްލުމެއް ލިބިގެން އެއްވެސް ރަށަކުން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އެގޮތުން ބޯކޮށް ވިއްސާރަކޮށް، ވައިގަދަވެ، އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.