ޚަބަރު

ވީނުވީއެއް ނޭނގި ގެއްލިފައިވާ އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ


މެލޭޝިޔަން އެޔާލައިންސްގެ އެމްއެޗް-370 މަތިންދާބޯޓު ގެއްލުނުތާ ދިހަ އަހަރު ފަހުން އެ އުޅަނދު ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިޔާއިން އެއްބަސް ވެއްޖެއެވެ.

ޖުމްލަ 227 ފަސިންޖަރުންނާއި 12 ފަޅުވެރިން ގޮވައިގެން މެލޭޝިޔާއިން ޗައިނާއަށް ދަތުރުކުރި ބޮއިންގ 777 މަރުކާގެ މަތިންދާބޯޓު ވީނުވީއެއް ނޭނގި ގެއްލުނީ 8 މާރިޗް, 2014ގައެވެ. އެ މަތިންދާބޯޓުގައި ޗައިނާއަށް ނިޞްބަތްވާ 150 ފަސިންޖަރުންނާއި މެލޭޝިޔާގެ 50 ރައްތިޔުންނާއި ފަރަންސޭސިވިލާތާއި އޮސްޓްރްރޭލިޔާއާއި އިންޑޮނޭޝިޔާއާއި އިންޑިޔާއާއި އެމެރިކާއާއި ޔޫކްރޭނާއި ކެނެޑާގެ ރައްޔިތުން ވެސް ތިއްބެވެ.

އެމްއެޗް-370ގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މެލޭޝިޔާގެ ކުއަލަ ލަމްޕޫރުން ނައްޓާލިތާ ގާތްގަނޑަކަށް 40 މިނެޓު ފަހުންނެވެ. ގަލްފް އޮފް ތައިލޭންޑުގެ މަތިން ވިއެޓްނާމުގެ ވައިގެ ސަރަޙައްދަށް ވަންނަމުން މަތިންދާބޯޓުގެ ޕައިލެޓުން ވަނީ އެކަން އަންގައިފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މަތިންދާބޯޓުގެ ޓްރާސްޕޮންޑަރު ވަނީ ނިއްވާލައިފައެވެ. މިލިޓަރީ ރާޑަރުން ދެއްކި ގޮތުގައި މަތިންދާބޯޓު ވަނީ ދަތުރުކުރުމަށް ކަނޑައަޅާފައި އޮތް މަގު ދޫކޮށް މެލޭޝިޔާގެ އުތުރަށް ދަތުރު ކޮށްފައެވެ. އޭގެ ފަހުން އަންދަނަމް ކަނޑުގެ މަތިން ދަތުރުކޮށް މަތިންދާބޯޓުގެ މިސްރާބު ވަނީ ދެކުނަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު މަތިންދާބޯޓަށް ވީނުވީ އެއް ނޭނގި ވަނީ ގެއްލިފައެވެ. އޭގެ ފަހުން އޭގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއް އެއްޗެހި ވަނީ އެފްރިކާގެ އައްސޭރިފަށުންނާއި އިންޑިޔާ ކަނޑުގެ ބައެއް ރަށްތަކުން ފެނިފައެވެ.

މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައިވާކަން އިޢުލާނު ކުރައްވަމުން މެލޭޝިޔާގެ ދަތުރުފަތުރާ ބެހޭ ވަޒީރު އެންތޮނީ ލޮކް ވިދާޅުވީ އެމްއެޗް-370 ފެނޭތޯ ދެކުނު އިންޑިޔާ ކަނޑުގެ ސަރަޙައްދު އަނެއްކާވެސް ބެލުމަށް ހުށަހެޅީ ބޯޓު ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކުރި އޯޝަން އިންފިނިޓީގެ ފަރާތުން ކަމަށެވެ. މަތިންދާބޯޓު ގެއްލުމާ އެކު ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ މެލޭޝިޔާއާއި އޮސްޓްރޭލިޔާއާއި ޗައިނާއާ ގުޅިގެންނެވެ. އިންމާސަޓް ސެޓެލައިޓުން ލިބުނު މައުލޫމާތަށް ބިނާކޮށް އެ މަސައްކަތުގައި ދެކުނު އިންޑިޔާ ކަނޑުގެ 120,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލާފައިވެއެވެ. މަތިންދާބޯޓު ހޯދުމަށް ކުރި އެ މަސައްކަތް ނާކާމިޔާބު ވުމުން މެލޭޝިޔާގެ ސަރުކާރުން އެ މަސައްކަތް ދެން ޙަވާލު ކުރީ އޯޝަން އިންފިނިޓީއާއެވެ. އެއީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ދެ ފަހަރު މަތިން މަސައްކަތް ކޮށްގެން ވެސް މަތިންދާބޯޓު ހޯދުމުގައި އެ ކުންފުނިން ވެސް ވީ ނާކާމިޔާބެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެމްއެޗް-370 ހޯދުމަށް އޯޝަން އިންފިނިޓީއާއެކު އަނެއްކާ ވެސް އެއްބަސްވުމެއް ޤާއިމް ކުރާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ޤަބޫލު ކުރެވޭ ފެންވަރަކަށް މަތިންދާބޯޓުގެ ބައިތައް ހޯދައިފި ނަމަ އެ ކުންފުންޏަށް 70 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް މެލޭޝިޔާގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މަތިންދާބޯޓު ނުފެނިއްޖެނަމަ އެއްވެސް ފައިސާއެއް އެ ކުންފުންޏަށް ދޭކަށް ނުޖެހޭނެއެވެ. މިފަހަރުގެ މަސައްކަތުގައި މަތިންދާބޯޓުގެ ހިލަމެއް ވޭތޯ ކަނޑުއަޑީގެ 15,000 އަކަކިލޯމީޓަރު ބެލުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް ބަލަނީ ސީދާ ކޮން ސަރަޙައްދެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ލޮކް ވިދާޅުވީ މަތިންދާބޯޓު އޮތް ސަރަޙައްދު ކަމަށް ބެލެވޭ ސަރަޙައްދަކާ ގުޅޭގޮތުން ގިނަ ތަޖުރިބާކާރުންތަކެއްގެ ލަފާ ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް ބެލި ބެލުމުން އެ ސަރަޙައްދަކީ ހަޤީޤަތުގައި ވެސް މަތިންދާބޯޓު އޮވެދާނެ ސަރަޙައްދެއް ކަމަށް މެލޭޝިޔާގެ ސަރުކާރަށް ޤަބޫލު ކުރެވޭ ކަމަށެވެ. އޯޝަން އިންފިނިޓީއަށް ވެސް މަތިންދާބޯޓު ހޯދޭނެކަމުގެ ޔަޤީންކަން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަތިންދާބޯޓުގެ ހުރިހާ ބައިތަކެއް ފެނުމުގެ ފުރުޞަތާމެދު ސުވާލު ކުރުމުން ލޯކް ވިދާޅުވީ މަތިންދާބޯޓު ގެއްލުނު ފަހުން ދިހަ އަހަރު ފާއިތުވެފައިވާ އިރު މަތިންދާބޯޓުގެ ހުރިހާ ބައެއް ފެނިދާނެޔޭ ބުނަން ދަތި ކަމަށެވެ.

ލޮކް އިތުރަށް ވިދާޅުވީ ސަރުކާރުގެ ޒިންމާއާއި ވާޖިބު އޮތީ މަތިންދާބޯޓުގައި ދަތުރު ކުރި މީހުންގެ ޢާއިލާއަށް ކަމަށެވެ. މަތިންދާބޯޓު ހޯދުމަށް މި ފަހަރު ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަތިންދާބޯޓުގެ ބައިތައް ފެނި އޭގައި ދަތުރުކުރަމުން ދިޔަ މީހުންގެ ޢާއިލާތަކުގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެޗް-370 ގެއްލުމާ ގުޅޭގޮތުން 2018ވަނަ އަހަރު ނެރުނު 495 ޞަފްޙާގެ ރިޕޯޓެއްގައި ބުނީ މަތިންދާބޯޓުގެ ކޮންޓްރޯލުތަކާ ގަސްދުގައި ކުޅެ ދަތުރުކުރަމުން ދިޔަ ކޯސް ބަދަލު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ގޮތަށް ކަންތައް ކުރީ ކޮން ބައެއް ކަމެއް ތަހުޤީޤަށް ހޯދިފައެއް ނުވެއެވެ. އެ ރިޕޯޓުގައި ކަން ހިންގި ގޮތޭ ބުނެ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އެއްޗެއް ބުނެވޭނީ މަތިންދާބޯޓުގެ ބައިތައް ފެނިގެން ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. ތަހުޤީޤު ކުރި ފަރާތުން ވަނީ މަތިންދާބޯޓުގެ ޕައިލެޓުންގެ ފަރާތުން ވެސް ޝައްކު ކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ.