ޕާކިސްތާނުން ކުރިއަށް ގެންދާ މިސައިލް ޕުރޮގުރާމާ މެދު އެމެރިކާ ޖެހިލުންވާ ކަމަށާއި، އެއީ 'ނުރައްކަލެއްގެ' ގޮތުގައި އެމެރިކާއިން ސިފަކުރާ ކަން އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު ޖޮން ފައިނަރ ހާމަކުރައްވައިފިއެވެ. ނިއުކްލިޔަރ ބާރެއް ކަމުގައިވާ ޕާކިސްތާނުން ހިންގާ ދުރު-ރާސްތާ ބެލިސްޓިކް މިސައިލް އުފެއްދުމުގެ ޕުރޮގުރާމާ އެކު، ދެކުނު އޭޝިޔާއިން ބޭރުގައި އޮތް ޤައުމުތަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ހޯދުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ.
ޕާކިސްތާނުގެ މިސައިލް ޕުރޮގުރާމަކީ އެމެރިކާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ފައިނަރ ސިފަ ކުރައްވާފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން 2021ވަނަ އަހަރު އެ ޤައުމުން ފޭބުމަށް ފަހު، ޕާކިސްތާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހީނަރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޕާކިސްތާނުން ޤަބޫލު ކުރާ ގޮތުގައި އެ ޤައުމުގެ ދެމިއޮތުމާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ނިއުކްލިޔަރ ބާރެއް ކަމުގައިވާ އިންޑިޔާއެވެ. 1947ވަަނަ އަހަރަށް ފަހު އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ތިން ފަހަރެއްގެ މަތިން ހަނގުރާމަ ކޮށްފައިވެއެވެ. ނަމަވެެސް، ދުރު-ރާސްތާ ބެލިސްޓިކް މިސައިލް ޕުރޮގުރާމު ފައްކާކޮށް، އިތުރަށް ފުޅާ ކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަކީ، އެހެން ޤައުމުތަކަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކުމުގެ ފުރުޞަތު އޮތް ކަމަށް އެމެރިކާއިން ޤަބޫލު ކުރެއެވެ.
ފައިނަރ ވިދާޅުވީ، ޕާކިސްތާނުން އުފައްދާ ބެލިސްޓިކް މިސައިލްތަައް އިތުރަށް ފައްކާކޮށް، ޤާބިލު ކަން އިތުރު ކުރުމަށް އެ ޤައުމުން ބޮޑެތި ޚަރަދުތަކެއް ކޮށް، ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. އަދި، އެ ޤައުމުގެ މިސައިލްތަކުގައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތައް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، އިހުނަށްވުރެ ދުރު ރާސްތާގެ މިސައިލްތައް އުފެއްދުމަށް ބޭނުންވާނެ ސާމާނާއި އާލާތްތައް ހޯދައި، އުފައްދަމުންދާ ކަމުގައެވެ.
ޕާކިސްތާނުން މި ގޮތުގައި ދެމިއޮވެއްޖެ ނަމަ "ޕާކިސްތާނަށް ދެކުނު އޭޝިޔާއިން ބޭރުގައި އޮތް ޤައުމުތަކަށް ވެސް، އެމެރިކާ ހިމެނޭ ގޮތުން، ޙަމަލާ ދިނުމުގެ ޤާބިލުކަން ލިބިގެންދާނެ،" ކަމުގައި ފައިނަރ ވިދާޅުވިއެވެ. މިސައިލްތައް ބޭނުން ކޮށްގެން އެމެރިކާއަށް ނިއުކްލިޔަރ ޙަމަލާއެއް ދިނުމުގެ ޤާބިލުކަން މި ވަގުތު ލިބިފައި އޮތީ މަދު ޤައުމަކަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ރަޝިޔާއާއި އުތުރު ކޮރެޔާގެ އިތުރުން ޗައިނާ ހިމެނެއެވެ.
"އެހެންވީމަ އެންމެ ސާފުކޮށް ދެންނެވޭނީ، ޕާކިސްތާނުން އަމަލު ކުރަމުންދާ ގޮތާ ގުޅިގެން އެމެރިކާއަށް އޮތް ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށް ދެކެން ޖެހެޔޭ،" ފައިނަރ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޕާކިސްތާނުގެ ދައުލަތުގެ ދިފާޢީ އިދާރާ، ނޭޝަނަލް ޑިވެލޮޕްމެންޓް ކޮމްޕްލެކްސް (އެންޑީސީ)ގެ އިތުރުން އަމިއްލަ ތިން ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.
އެ ނިންމުމާ އެކު، އެންޑީސީއާއި ތިން ކުންފުންޏެއްގެ މުދަލާއި ފައިސާ ހިފެހެއްޓުމަށް ވެސް އެމެރިކާއިން ވަނީ ނިންމާފައެވެ. އަދި، ފިޔަވަޅު އަޅާފައިވާ އިދާރާއާއި ކުންފުނިތަކާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރުން އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކަށް މަނާކޮށްފައެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި އެފިލިއޭޓްސް އިންޓަރނޭޝަނަލް، އަޚްތަރު އެންޑް ސަންސް ޕްރައިވެޓް ލިމިޓެޑް އަދި ރޮކްސައިޑް އެންޓަރޕްރައިސަސް ހިމެނެއެވެ.
އެމެރިކާ ސަރުކާރުގެ މަޞްދަރުތަކުން ބުނީ، ޕާކިސްތާނުގެ ދުރު-ރާސްތާ މިސައިލް ޕުރޮގުރާމު އިތުރަށް ތަރައްޤީކޮށް، ފައްކާ ކުރަމުންދާ ސަބަބު އޮޅުން ފިލުވަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، އެމެރިކާ ސަރުކާރުގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕާކިސްތާން ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމުގައެވެ. ޕާކިސްތާނުން ޤަބޫލު ކުރާ ގޮތުގައި، އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމާއި ބެލިސްޓިކް މިސައިލް ޕުރޮގުރާމަކީ، ސަރަޙައްދީ ސުލްޙައާއި ރައްކާތެރިކަން ދެމެހެއްޓުމަށް މުހިންމު ޕުރޮގުރާމުތަކެކެވެ.
ޕާކިސްތާނާއި އެމެރިކާއަކީ ނިރުބަވެރިކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަމުންދާ ދެ ޤައުމެވެ. "އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސުވާލު އުފެދޭ، އަޅުގަނޑުމެންނަށް [އެމެރިކާއަށް] ޙަމަލާ ދިނުމަށް ބޭނުން ކުރެވޭނެ ފަަދަ ހަތިޔާރު އުފެއްދުމަށް ޕާކިސްތާނުން މަސައްކަތް ކުރާތީ،" ފައިނަރ ވިދާޅުވިއެވެ.
ޕާކިސްތާނުން ފުރަތަމަ ފަހަރަށް ނިއުކްލިޔަރ ހަތިޔާރެއްގެ އަޖުމަ ބަލާފައި ވަނީ 1998ވަނަ އަހަރުއެވެ. އެއީ، ނިއުކްލިޔަރ ހަތިޔާރު އުފައްދައި، އަޖުމަ ބަލާފައިވާ ހަތްވަނަ ޤައުމެވެ. 'އެޓޮމިކް ސައިންޓިސްޓްސް' ޖަމުޢިއްޔާއިން ބުނީ، ޕާކިސްތާނުން އުފައްދައި ސްޓޮކު ކޮށްފައިވާ ނިއުކްލިޔަރ ބޮމުގެ އަދަދު 170 އަރާނެ ކަމަށް ބެލެވޭ ކަމުގައެވެ.