މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސަލާމަތީ ބާރުތަކުން ހިންގެވި އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫއިން ގިނަ ޢަދަދެއްގެ ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ.
ބ. އަތޮޅު ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލައިގައި ދައުވާ ކުރެއްވުމަށް ފޮނުއްވާފައިވަނީ ކޮންބައެއްގެ މައްޗަށް ކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ހިބަޅިދޫގައި ހަނގުރާމަވެރި ހަތިޔާރު ހުރިކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ހިންގެވި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ހޯދާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ފުލުހުންނާ ސިފައިން ގުޅިވަޑައިގެން ކުރިއަށްގެންދެވި މި އޮފަރޭޝަނުގައި އަތުލައިގެންފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އަމިއްލަ ފަރާތެއް ގެންގުޅުނު އެންމެ ގިނަ އަދި އެންމެ ނުރައްކާތެރި ހަތިޔާރުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ސަލާމަތީ ބާރުތަކުން މި އޮޕަރޭޝަން ކުރިއަށްގެންދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޙަމަލާގެ ތަޙްޤީޤަށް ފުލުހުންނާ ސިފައިން ބަލާފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްގެންދެވި ދަނޑިވަޅެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ބައެއް ގޭގެއިންވެސް ގޮވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތި ފެނިފައިވެއެވެ. ބ. ހިބަޅިދޫން ފެނުނު ހަތިޔާރު ނަގާފައިވަނީ އެރަށަށް ވަންނަ ނެރު ކައިރިން ކަނޑުގެ 42 މީޓަރު އަޑިން ކަމަށް ސަލާމަތީ ބާރުތަކުން ވިދާޅުވެފައިވެއެވެ.