ޚަބަރު

އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ޤަވާއިދު


އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ދެވޭނީ 36،000 ރުފިޔާކަމަށް ކަނޑައަޅުއްވާ، "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ޤަވާއިދު" އެކުލަވާލާ އާއްމުކުރައްވައިފިއެވެ. މި ޤަވާއިދުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރުގައި މީހުން ހިމެނުމުގައި ބަލާނެ ޝަރުތުތަކާއި، އެހީގެ މިންވަރުތަކާއި، އެހީ ދޭނެގޮތް ބަޔާންކޮށްފައިވެއެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއި ބެހޭ ޤަވާއިދަކީ އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިން ބިކަވިޔަނުދީ މުޖުތަމައުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އާއްމުކޮށްފައިވާ ޤަވާއިދެކެވެ. މި ޤަވާއިދު އެކުލަވާލާފައި ވަނީ 2014 ވަނަ އަހަރު އަމަލުކުރަންފެށި އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

މިއީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލްތައް ކަނޑައެޅުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ޤަވާއިދެކެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ މިންވަރު ކަނޑައެޅުމާއި، މާލީ އެހީ ދިނުން މެދުކަނޑާލުމާއި، ހުއްޓާލުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީ ހައްގުވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. އަދި އެހީ ލިބޭ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި، ދަފުތަރު ބެލެހެއްޓުމާއި، އެކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާނެ އުސޫލުތައްވެސް މި ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މި ޤަވާއިދުގެ ދަށުން، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ފިރިއެއް ނުވަތަ އަނތްބަކާއި ނުލައި، ނުވަތަ ފިރިއެއްގެ ނުވަތަ އަނތްބެއްގެ އެހީތެރިކަމާ ނުލައި، 18 އަހަރު ނުފުރޭ ކުއްޖަކު ބަލަމުންދާ މައެއް ނުވަތަ ބަފައެއްކަމުގައި ވާންވާނެއެވެ. އަދި ފަގީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެންސްޕާއިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވާންޖެހެއެވެ. އެހީއަށް އެދޭ ފަރާތަކީ މީހަކާ އިނދެގެން އުޅޭ މީހެއްކަމުގައި ވެގެންނުވާނެއެވެ. އަދި އެފަރާތަކީ ކައިވެނި ރޫޅިފައިވާ މީހެއްނަމަ، އޭނާގެ ވަރި ސާބިތުވުމަށްފަހު 3 މަސްދުވަސް ހަމަވެފައިވާ މީހެއް ކަމުގައި ވާންޖެހެއެވެ. މީގެ ތެރޭގައި ހުވަފަތް ވެފައިވާ މީހުން ނުހިމެނެއެވެ. ރާއްޖޭން ބޭރުގައި ދާއިމީގޮތެއްގައި ދިރިއުޅެމުންދާ ފަރާތްތަކަށް މި ޤަވާއިދުގެ ދަށުން އެހީއެއް ނުލިބޭނެއެވެ.

އެހީއަށް އެދޭ ފަރާތުން ބަލަހައްޓާ ކުއްޖާ ނުވަތަ ކުދިންގެ ކިބައިގައިން ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެހީ ލިބޭ ކުއްޖާ ނުވަތަ ކުދިންނަކީ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި އެހީއަށް އެދޭ ފަރާތުން ބަލަހައްޓާ 18 އަހަރުން ދަށުންގެ ކުއްޖާ ނުވަތަ ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެން މާލީ އެހީ ލިބޭ ކުއްޖެކަމުގައި ވެގެންނުވާނެއެވެ. ހަމައެހެންމެ ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުއްޖެއްނަމަ، ސްކޫލަކަށް ކިޔަވަން ޚާޒިރުވާ ކުއްޖެއްކަމުގައި ވާންޖެހެއެވެ. އަދި ވެކްސިން ދޭ އުމުރުގެ ކުއްޖެއްނަމަ ވެކްސިން ދީފައިވާ ކުއްޖެއްކަމުގައި ވާންޖެހެއެވެ.

މި ޤަވާއިދުގެ ދަށުން، މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެންސްޕާއިން އެކުލަވާލާ "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފްތަރު" ގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. މި ޤަވާއިދުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ކުއްޖަކަށް 1،000 ރުފިޔާ ލިބިދެވޭއިރު، މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބިދެވޭނީ 3،000 ރުފިޔާއެވެ. އަދި މިލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 36،000 ރުފިޔާގެ ގޮތިގައި ވަނީ ކަނޑައަޅާފައެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ޢާއްމު ޤަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް އެހީ ހޯދުމަށް ހުށައަޅާ ފަރާތެއްގެ ބޭންކް އެކައުންޓަށެވެ.

މާލީ އެހީ ލިބޭ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާ ނުވަތަ ކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ކުއްޖާއަށް ނުވަތަ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިން ދެމުން ގެންދިއުން، ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ސްކޫލަށް ޤަވާއިދުން ގެންދިއުން، ކުއްޖާއަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭނުންތައް ހަމަޖައްސައިދިނުން އަދި ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން ބެލެނިވެރިކަމާ ހަވާލުވެ ހުރި ފަރާތުން ކަށަވަރުކޮށްދިނުން ހިމެނެއެވެ. މިއިން އެއްވެސް ކަމެއް ފުރިހަމަ ނުވާކަން އެންސްޕާއަށް ފާހަގަކުރެވިއްޖެނަމަ، އެހީ މެދުކަނޑާލުމަށް ނުވަތަ ހުއްޓާލުމަށް ނުވަތަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު މި ޤަވާއިދުގެ ދަށުން އެންސްޕާއަށް ލިބިގެންވެއެވެ.