ވިޔަފާރި

ބާޒާރުގައި އިމްޕޯޓް މުދާ ދަނީ އިތުރުވުން


ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތައް ރޯދަމަހު ބާޒާރުގައި ތިޔާގިވެގެންދާއިރު، އޭގެތެރެއިން ގިނަ އަދަދެކެއްގެ އެއްޗިއްސަކީ ބޭރު ޤައުމުތަކުން އެތެރެކުރާ ތަކެއްޗެވެ.

ކަން މިހެން އޮތްއިރު، ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އަދި ރޯދަމަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތައް އިތުރުވެގެންދެއެވެ. ދިވެހިންނަކީ ކެއިންބުއިމުގައި ވަކި ބާވަތްތަކެއް ވަކިން ގިނައިން ބޭނުންކުރާ ބައެކެވެ. ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ބަލާލުމުންވެސް އެކަން އެނގިގެންދެއެވެ. ރޯދަމަހަކީ ޚާއްޞަކޮށް މިތަކެތީގެ ޑިމާންޑް ބޮޑުވެގެންދާ މަހެކެވެ. އެހެންކަމުން ދުރާލައި ވިޔަފާރިވެރިން ރާއްޖެއަށް މުދާއެތެރެކުރަން ފަށައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވާއިރު، ރޯދަމަހާ ދިމާކޮށް އަދި ރޯދަމަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތައް ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 15 އިން މިމަހުގެ 15 އަށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވާ ބާވަތްތަކީ، ކުކުޅުމަސް، ކަދުރު، ކުކުޅު ބިސް، ގެރި މަސް، ހަނޑޫ، އަނބު، އަލުއްވާއި ފިޔަލެވެ. މިއީ ޢާއްމުކޮށް ދިވެހިން ކެއުމުގައި ބޭނުންކުރާ ތަކެތިކަމަށްވާއިރު، އެހެން މަސްމަހާ ޚިލާފަށް ރޯދަމަހު އެންމެ ގިނަ އަދަދަކަށް އެތެރެކުރާކަމަށް ފާހަގަކޮށްލެވޭ އެއް ބާވަތަކީ ކަދުރެވެ.

ރޯދަމަހާ ގުޅުވައިގެން މޯލްޑިވްސް ޕޯޓް ލިމިޓެޑް، އެމްޕީއެލް އިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭރު ޤައުމުތަކުގައި އެތެރެކުރާ މޭވާއާއި ތަރުކާރީ ފަދަ ތަކެތި ކްލިއަރ ކޮށްދިނުން އަވަސްކޮށްފައެވެ. އެގޮތުން މީގެ ކުރިން ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީފަދަ ތަކެތި ކްލިއަރ ކުރުމަށް ދެތިންދުވަސް ހެދަވިނަމަވެސް މިހާރު އަށެއްކަ ގަޑިއިރުގެ ތެރޭގައި އެ ޚިދުމަތް ދީ ނިންމާލެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މި ބަދަލާއެކު ރާއްޖެއަށް ފައްސޭހަކަމާއެކު ތަރުކާރީއާއި މޭވާ އެތެރެކުރެވިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީ ތާޒާކަންމަތީ ގަންނަ މީހުންނަށް ލިބެން ހުންނާނެއެވެ.