ޚަބަރު

ފަތުރުވެރިކަން ފުޅާކުރުމަށް، މެރިޓައިމާއި އޭވިއޭޝަން ދާއިރާގެ ކުރިއެރުން މުހިންމު: ޝަރީފް


  • ޝަރީފް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުން ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިކަމަށް

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ބިނާވެފައިވަނީ މެރިޓައިމް އަދި އޭވިއޭޝަން ދާއިރާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ފަތުވެރިކަމާއި އޭވިއޭޝަން ދާއިރާގެ ފަރާތްތަކާއި އެކު އެކުންފުނިން ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްއޭސީއެލްއިން އިންތިޒާމުކޮށްގެން ބޭއްވި އޭވިއޭޝަން އެންޑު ޓްރެވެލް އިންޑަސްޓްރީ ސްޓޭކްހޯލްޑަރ ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ މިހާތަނަށް މި ދާއިރާގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލާފައެވެ. އަދި މިމަހުގެ ނިޔަލަށް 2 މިލިޔަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭއިރު، މިއީ މިދާއިރާގެ ހުރިހާ ފަރާތްތައް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކާއި ރޫޓުތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މިހާރު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކާގޯ ޚިދުމަތާއެކު ރާއްޖެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ބާރުލިބޭކަމަށެވެ.

އޭނާ ވަނީ ރާއްޖެއިން ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާތަނަށް ހޯދާފައިވާ ކަމިޔާބީތަކަކީ އޭވިއޭޝަން ސިނާޢަތާއި ގުޅިގެން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ. އަދި މިއާއެކު މުސްތަޤުބަލުގައި މި ސިނާޢަތުން ކުރިއެރުން ލިބުން ބިނާވަނީ އޭވިއޭޝަން އަދި މެރިޓައިމް ސިނާޢަތް ގުޅިގެން ކުރާ މަސައްކަތުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ އެއަރޕޯޓު ހިންގުން ހަރުދަނާކޮށް ފަތުރުވެރިންނަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކަށުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އެގޮތުން ޢުމްރާނީ ވަސީލަތްތަކުގެ ކުރިއެރުމާއެކު ފަންނިއްޔާތު މެދުވެރިކޮށް ޚިދުމަތްތުގެ ފެންވަރު ރަނގަޅުކުރުން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލްއިން އިންތިޒާމުކުރި މި ހަރަކާތުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޖަމީއްޔާތަކާއި، ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތައް ތަމްސީލް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.